Ads by Stelco

ޚަބަރު

ރިޓަޔާ ކުރުމަށްފަހު ސަރުކާރުގެ އެހެން މަޤާމުތަކަށްދާ ފުލުހުންނަށް އިނާޔަތް ދިނުން ހުއްޓާލައިފި

ރިޓަޔާ ކުރުމަށްފަހު ސަރުކާރުގެ އެހެން މަޤާމުތަކަށްދާ ފުލުހުންނަށް އިނާޔަތް ދިނުން ހުއްޓާލައިފި

ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙުކުރުމަށް ބޭއްފި ރަސްމިއްޔާތު / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

25 ޑިސެމްބަރު 2025، 08:04

25 ޑިސެމްބަރު 2025، 08:04

ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށްފަހު އައްޔަންކުރާ މަޤާމަކަށް ނުވަތަ އިންތިހާބީ މަޤާމަކަށްދާ ފަރާތްތަކަށް، އެ މަޤާމު އަދާކުރާ މުއްދަތުގައި ރިޓަޔަމެންޓް އެލަވަންސް ނުލިބޭގޮތަށް ހަމަޖައްސައިފިއެވެ. 

މި ބަދަލު ގެނައުމުގެ ގޮތުން ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދަށް ވަނީ އިސްލާޙުކޮށްފައެވެ. އެ އިސްލާޙުގައި ވަނީ، މަހުން މަހަށް ދޭ ޢިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަޤާމަކަށް އިންތިޚާބުވެއްޖެނަމަ، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އަތުވެއްޖެނަމަ، އެ މަޤާމުގައި ދެމިހުންނަ މުއްދަތެއްގައި އެ މީހެއްގެ ރިޓަޔާމަންޓް އެލަވަންސް މެދުކެނޑޭނެ ކަމަށެވެ. އަދި އެ އެލަވަންސް މެދުކަނޑާލުމަށްފަހު އަލުން އެލަވަންސް ދޫކުރާނީ ރިޓަޔަރ ކުރުމަށްފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހު ކަމަށް އިސްލާޙުގައިވެއެވެ.

މި ބަދަލު ގެނައުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލޭ ފޭސް-1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި އިޢުލާންކުރައްވާފައެވެ. 

އެ މަނިކުފާނު މިގޮތަށް ނިންމެވީ، ސަރުކާރުން ރިޓަޔަމަންޓު ޕެންޝަން ލިބޭ ބައެއް ބޭފުޅުން ސަރުކާރުގެ ބައެއް މަޤާމުތަކަށް އައްޔަންކޮށްފައިވުމާ ގުޅިގެން އެ ބޭފުޅުންނަށް އެ މަޤާމުގެ މުސާރަ ވެސް ލިބެމުންދިއުމާ ގުޅިގެން، އާންމުންގެ ފަރާތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާންމުންގެ މި ކަންބޮޑުވުން ޙައްލު ކުރުމުގެ ގޮތުން ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާރވިސްގެ ޤަވާއިދުތައް ބަދަލުކުރައްވާނެ ކަމަށެވެ.

"ޢައްޔަން ކުރާ މަޤާމެއްގައި، ސަރުކާރުން ޢައްޔަން ކުރާ އެއްވެސް މަޤާމަކަށް ރިޓަޔަރޑް ބޭފުޅަކު ޢައްޔަންކޮށްފިނަމަ، ނޫނީވިއްޔާ އިންތިޚާބީ މަޤާމަކަށް ރިޓަޔަރޑް ބޭފުޅަކު އިންތިޚާބު ވެއްޖެނަމަ، އެ މަޤާމުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، އެ ރިޓަޔަރމަންޓަށް ލިބޭ އެލަވަންސް މެދުކެނޑޭ ގޮތަށް. އެހެންވީމާ، ޑަބަލްކޮށް ނުލިބޭ ގޮތަށް. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހޭނެ. މިއީވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް. އަދި އަޅުގަނޑުވެސް ހަމަ ވަރަށް ޤަބޫލުކުރާ ހަމައެއް. އެހެންވީމާ، ޑަބަލްކޮށެއް ނުލިބޭނެ. އިލެކްޓަޑް މަޤާމަކަށް، ނޫނީވިއްޔާ އެޕޮއިންޓަޑް މަޤާމަކަށް އައިސްފިނަމަ، އެއީ މިނިސްޓްރީއަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް އަދި ދައުލަތުގެ އެހެން މުއައްސަސާއަކަށް ކަމުގައިވިޔަސް، އެ މުއްދަތުގެ ތެރޭގައި މެދުކެނޑޭނެ. އެހެންވީމާ، އެކަންވެސް މި ކުރަނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައެވެ.

ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދަށް ގެނައި އިސްލާޙުގައިވާ ގޮތުން، ރިޓަޔަރ ކުރާ ފަރާތްތަކަށް އަލުން މަޤާމެއް ލިބިފައިވާނަމަ، އެކަން ފުލުހުންގެ އިދާރާއަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ވަޒީފާ ލިބުމުން އެކަން ނާންގައި އޮތުމުގެ ސަބަބުން، އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރމަންޓް ޢިނާޔަތް ދޫކުރެވިއްޖެނަމަ، ފުލުހުން އަންގާ ގޮތެއްގެ މަތިން ޕެންޝަން އޮފީހަށް އެ ފައިސާ އަނބުރާ ފޮނުވަން ޖެހޭނެ ކަމަށް ޤަވާއިދުގައިވެއެވެ.

ރިޓަޔަރ ކުރާ ފަރާތަކުން އެހެން ވަޒީފާއަކަށް ދިއުމަށްފަހު އެފަދަ ފަރާތަކަށް އެވަޒީފާއިން ވަކިިވާއިރު އިތުރު ރިޓަޔަރމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭނަމަ އެ ޕެކޭޖު އިޚްތިޔާރު ކުރަންވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ނަމަވެސް އޭގެފަހުން ފުލުހުންގެ ރިޓަޔަރމަންޓް ޢިނާޔަތް ނުލިބޭނެ ކަމަށް ފުލުހުންގެ ރިޓަޔަރމަންޓް ޤަވާއިދަށް ގެނައި އިސްލާޙުގައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450