ޚަބަރު
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި 40 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހިފަހައްޓައިފި
ކަސްޓަމްސްއިން ހިފެހެއްޓި ތަކެތި ޓެސްޓުކުރަނީ ---
ފަރުދުން
26 ޑިސެމްބަރު 2025، 02:46
26 ޑިސެމްބަރު 2025، 02:46
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި 40 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އެ ތަކެތި ހިފަހައްޓައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ހިފެހެއްޓި މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި، ބަރުދަނަށް ބަލާއިރު، މި ތަކެތީގެ މަގުމަތީގެ އަގު 30 މިލިއަނަށް ވުރެ އިތުރުވާނެއެވެ.
ކަސްޓަމްސްއިން ހިފެހެއްޓި ސިރަޕް ފުޅިތައް ޓެސްޓުކުރާ މަންޒަރު ވަނީ ޕީއެސްއެމްއިން ލައިވްކޮށް ދައްކާފައެވެ. އެ މަންޒަރުތަކަށް ބަލާއިރު، އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑުގައި ބަންދުކޮށްގެންނެވެ.
ނަމަވެސް މި މައްސަލާގައި އަދި ބަޔަކު ހައްޔަރުކުރި ކަމެއް ނުވަތަ އެތެރެކުރުމުގައި ބައިވެރިވި މީހުންގެ އެއްވެސް މަޢުލޫމާތެއް ފުލުހުން މީޑިއާއާ ޙިއްސާކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކާ މީހުން ހިފެހެއްޓުމަށް ފުލުހުން ދަނީ ޙާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ޑްރަގް ވިޔަފާރިއާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މިހާތަނަށް 190 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 34 މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފޮނުވާފައިވާކަމަށް، ބުދަދުވަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފައެވެ.
އެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި ސަޕްލައި ކުރުމަށް މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގައި ދިވެހިން ގާއިމްވެ ތިބެއެވެ. އޭގެ ތެރޭގައި މެލޭޝިއާ އާއި ތައިލެންޑް ހިމެނޭއިރު އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.