ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރި 'މަސްޖިދުލްއީމާން' ހުޅުވައިފި
މަސްޖިދުލް އީމާން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ "މަސްޖިދުލް އީމާން" ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވާފައި ވަނީ މިއަދުގެ ހުކުރު ނަމާދާއެކުގައެވެ.
މި މިސްކިތް ރަސްމީކޮށް ހުކުރު ނަމާދަށް ހުޅުވާފައިވާއިރު، މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކޮށްފައި ވަނީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒު އެވެ.
1200 މީހުންގެ ޖާގައިގެ މި މިސްކިތް 3 ފަންގިފިލާއަށް އިމާރާތްކޮށްފައިވާއިރު، މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްޞަ ތަނެއް ވަނީ ކަނޑައަޅާފައެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި ޕާކިން ޒޯނެއް ހަދާފައިވާއިރު، މިސްކިތް އިމާރާތްކޮށްފައި ވަނީ، އިރުގެ އަލި މިސްކިތުގެ ތެރެއަށް ފޭދޭ ގޮތަށެވެ. ހަމަ އެއާއެކު، ސްކިތުގެ ގްރައުންޑް ފްލޯގައި 8 ފާޚާނާ ހުންނައިރު، އޭގެތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުން ކުރެވޭނެ 2 ފާޚާނާއާއެކު، ވުޟޫކުރުމަށް ޚާއްޞަ ބައެއްވެސް ހަދާފައިވެއެވެ.

އަންނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ނުވަތަ 4 މިސްކިތެއް ބިނާކޮށް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވާއިރު، އެ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުރީ ނިމުމުގެ އެންމެ ފަހު މަރުހަލާގައެވެ. ވަޒީރުގެ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާންމަހުގެ ކުރިން ހުޅުވިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައް ވެސް ހިމެނޭނެއެވެ. ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި އިތުރު ދާއިމީ މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ.
ހުޅުމާލެ ފޭސް 2 ގައި މަސްޖިދުލްއީމާން ހުޅުވުން.
— Ministry of Islamic Affairs (@MVIaffairs) December 26, 2025
މިމިސްކިތަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހުރި މިސްކިތެއް. 3 ފުލޯއަށް އިމާރާތްކޮށްފައިވާ މިމިސްކިތް ބިނާކޮށްދެއްވީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި. pic.twitter.com/a0AJuKoK94