Ads by Farudhun

ޚަބަރު

50 މިލިއަން ޑޮލަރު ދެއްކިޔަސް، ތެލާއި ކާޑު ލިބުމަށް ދައްޗެއް ނުވާނެ - މާލީ ވުޒާރާ

50 މިލިއަން ޑޮލަރު ދެއްކިޔަސް، ތެލާއި ކާޑު ލިބުމަށް ދައްޗެއް ނުވާނެ - މާލީ ވުޒާރާ

މާލީ ވުޒާރާ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

17 ސެޕްޓެމްބަރު 2026، 12:33

17 ސެޕްޓެމްބަރު 2026، 12:33

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ބާކީ އޮތް 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލު މިއަދު ދައްކައި އެއްކޮށް ޚަލާސްކޮށްފި ކަމަށާއި، މި ދަރަނި ދެއްކި ނަމަވެސް ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭހުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މާލީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއަދު މި ދައްކައި ނިންމާލި ފައިސާއަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ބަޖެޓް ސަޕޯޓަށް ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށެވެ. މި ފެސިލިޓީގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މޭ 11 ގައި 50 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ ދައްކާފައެވެ. އަދި މިއަދުގެ ތާރީޚުގައި ދެއްކި 50 މިލިއަން ޑޮލަރާއެކު މި ދަރަނި މިހާރު ވަނީ އެއްކޮށް އަދާކޮށް ނިމިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ދަރަނި ދެއްކުމުގެ ސަބަބުން ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް މިހާރުވެސް ވަނީ ފުރިހަމައަށް ހަމަޖައްސާފައެވެ.

މީގެއިތުރުން، ދަރަނި އަދާކުރުމާ ގުޅިގެން މުދާ އެތެރެކުރުމަށް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބަޔާންކޮށް އެ ވުޒާރާއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރަށް އަރާފައެވެ.

ދަރަނި ބެލެހެއްޓުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ދުރާލައި ރޭވުންތެރިކަމާއެކު ކަމަށާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށްވެސް ގަވާއިދުން ފައިސާ ޖަމާކުރަމުންދާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާތީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450