ޚަބަރު
ކ. އަތޮޅުގެ ރަށްރަށުގައި އިބަމަ އުފެއްދުމަށްޓަކައި ބޭއްވި އިބްތިދާއީ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ކ. އަތޮޅުގެ ރަށްރަށުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އުފެއްދުމަށްޓަކައި ހިންގި އިބަމަ އިނިޝަލް ޓްރެއިނިންގ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމުގައި އިބަމައިގެ މެންބަރުންގެ ދައުރާއި، ހިފަހައްޓަންޖެހޭ އަސާސްތަކާއި، ރަނގަޅުގޮތުގައި މުވާސަލާތު ކުރުމާއި، އެކަން ކުރާއިރު ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް، ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މުޖުތަމަޢުގައި އަށަގެންފައި ހުންނަ އާދަކާދަތަކާއި އަދި ޤަބޫލުކުރުންތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، މުޖުތަމަޢުގައިވާ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އިބަމަ މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަމަލީގޮތުން ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލައިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސެޝަންތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންނާއެކު މަސައްކަތް ކުރުމުގައި ބޭނުންވާނެ މަޢުލޫމާތާއި ހުނަރުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤާނޫނާއި ޤަވާއިދުގައި ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް އިބަމަ މެންބަރުންނަށް މަޢުލުމާތު ދިނެވެ. ހަމަ އެހެންމެ، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމަށް އެސެސްމެންޓް ކުރިއަށްގެންދާނެ ގޮތާއި، މި އެސެސްމަންޓަށް ބިނާކޮށް، އެ ފަރާތްތަކަށް އެހީތެރިވުމަށް އިންޓަވެންޝަން ޕްލޭންތައް އެކުލަވާލާނެ ގޮތުގެ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމްގައި، ކ. އަތޮޅުގެ ޖުމްލަ 09 ރަށުންނާއި، ހުޅުމާލެ ނެއިބަހުޑް ޕޮލިސްއިން ޖުމްލަ 36 ފަރާތެއް ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މާލެ އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން.
— Ministry of Social and Family Development (@MSFDmv) December 24, 2025
މި ޕްރޮގްރާމްގައި ކ. އަތޮޅުގެ ނުވަ ރަށުންނާއި، ހުޅުމާލެ ނެއިބަހުޑް ޕޮލިސްއިން ޖުމްލަ 36 ފަރާތެއް ބައިވެރިވެފައިވޭ.
Male’ atholhuge… pic.twitter.com/UepJJ8ozIs