Ads by Stelco

ޚަބަރު

ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް 2.6 މިލިއަން ރުފިޔާގެ ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފި

ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް 2.6 މިލިއަން ރުފިޔާގެ ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފި

ތަކެތި ހަވާލުކުރުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ޑިސެމްބަރު 2025، 06:31

26 ޑިސެމްބަރު 2025، 06:31

ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް 2.6 މިލިއަން ރުފިޔާގެ އަގުހުރި ބައެއް ސާމާނު ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފިއެވެ.

މިތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެންނެވެ. މި ތަކެތި ހަވާލުކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، އެން.ޑީ.އެމް.އޭ ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، 2004 ޑިސެމްބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އައުކުރައްވައި އެ ދުވަހު ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. ހަމަ އެހެންމެ، ކާރިސާތަކާއި ޙާދިސާތަކުގައި ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވީތީ އެން.ޑީ.އެމް.އޭ އާއި ޔޫ.އެން.ޑީ.ޕީގެ ބޭފުޅުންނަށް ސީޕީ ނަވީން ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް މި ތަކެތި ހޯދައި ދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި ފުލުހުންނަކީ ރަށްރަށުގައި ޤާއިމުވެ ތިބެ، މުޖުތަމަޢުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު މިއަދު ހަވާލުކުރެވުނު އާލާތްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖުމުލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މި އެހީގެ ދަށުން ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ، ޞިއްޙީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީ.ޕީ.އީ) ހިމެނެއެވެ.

މި ތަކެއްޗަކީ ޔޫ.އެން.ޑީ.ޕީ ފަންޑިންގ ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެއްޗެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ޤައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމެވެ. މިގޮތުން ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫއުން ބޮޑު އިސްކަމެއްދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450