ކުޅިވަރު

އޮޑި ސްޕޯޓްސް ބަލިކޮށް އީގަލްސްއިން ރެލިގޭޝަނާ ދެމެދު އޮތް ފަރަގު ބޮޑުކޮށްފި

އޮޑި ސްޕޯޓްސް ބަލިކޮށް އީގަލްސްއިން ރެލިގޭޝަނާ ދެމެދު އޮތް ފަރަގު ބޮޑުކޮށްފި

އީގަސްލްއަކީ މާޒިޔާއަށް ފަހު މި ސީޒަންގައި އޮޑި ސްޕޯޓްސް ބަލިކުރި ފުރަތަމަ ޓީމު / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ޑިސެމްބަރު 2025، 06:26

27 ޑިސެމްބަރު 2025، 06:26

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކްލަބް 2-0އިން ބަލިކޮށް، ކްލަބް އީގަލްސްއިން ރެލިގޭޝަނާ ދެމެދު އޮތް ފަރަގު ބޮޑުކޮށްފިއެވެ.

މި ނަތީޖާއާއެކު އީގަލްސްއިން ޖުމްލަ 16 ޕޮއިންޓު ހޯދާފައިވާއިރު، ލީގުގެ 7 ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ދެމެދު 7 ޕޮއިންޓުގެ ފަރަގެއް މިހާރު އެބައޮތެވެ. އަދި އަންނަ ހަފްތާގައި މި ދެ ޓީމު ބައްދަލުކުރާއިރު، ޓީސީ ބަލިކޮށް ލީގުގެ ގަދަ 6ގައި ހަމަޖެހިލުމުގެ ފުރުސަތު އީގަލްސްއަށް ލިބޭނެއެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗަށް އޮޑި ސްޕޯޓްސްއިން ނިކުތީ އީގަލްސް ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އޮތް 6 ޕޮއިންޓުގެ ފަރަގު 3 ޕޮއިންޓަށް ކުޑަކުރުމަށެވެ. ނަމަވެސް މި މެޗު ގެއްލުމާއެކު އެ ޓީމު ލީގު ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.

އީގަސްލްއިން އޮޑީގެ ކޮޅަށް ކާމިޔާބުކުރި ފުރަތަމަ ގޯލަކީ، އޮޑި ސްޕޯޓްސްގެ ފަހަތަށް ކުޅެމުންދިޔަ މުޙައްމަދު ސާމިރު ފަހަތަށް ޖައްސާލި ބޯޅައެއް އެ ޓީމުގެ ގޯލުކީޕަރު މުޙައްމަދު ޝަފީއުއަށް ލިބުމުގެ ކުރިން އިބްރާޙިމް މަހުދީ ހޯދައިގެން ކާމިޔާބުކުރި ގޯލެކެވެ. ކީޕަރު ކައިރިން ނައްޓާލުމަށް މަހުދީ ޖައްސާލި ބޯޅަ އޭނާއަށް ލިބުނުއިރު ގޯލަށް ފޮނުވާލުމަށް އުނދަގޫ އޭންގަލަކަށް ގޮސްފައި އޮތުމުން، އޭނާ އެ ބޯޅަ ޖައްސާލީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަތް ޒައިން ޒަފަރަށެވެ.  ޒައިން ޒަފަރު އެ ބޯޅަ ފޮނުވާލީ ގޯލު ބުލޮކު ކުރުމަށް އެރި ކުޅުންތެރިންނަށް އަތުނުވާނޭހެން ދުރުކަނަށެވެ. މި ގޯލު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ 31 ވަނަ މިނެޓުގައެވެ. 

އެ ގޯލަށް ފަހު އޮޑި ސްޕޯޓްސްއިން ހަމަލާތައް ވަރުގަދަކުރިއެވެ. ނަމަވެސް ބައެއް ހަމަލާތައް ހުޝިޔާރުކަމާއެކީ ކީޕަރު ދިފާއުކުރިއިރު، ބައެއް ހަމަލާތަކުގެ ހުރަހަކަށްވީ ގޯލުގެ ދަނޑިއެވެ.

މެޗުގެ 66 ވަނަ މިނިޓުގައި އީގަލްސްގެ ލީޑު ފުޅާކުރީ އޭރިއާ ބޭރުން ޒައިން ނަގައިދިން ބޯޅައެއް މިޑްފީލްޑަރ އިބްރާހިމް ލެބޭ ގޯލަށް ވައްދައިލައިގެންނެވެ.

މިއީ މި ސީޒަންގައި އޮޑި ސްޕޯޓްސް ކްލަބް ބަލިވި ދެވަނަ މެޗެވެ. ފުރަތަމަ ބުރުގައި އެ ޓީމު ބަލިވީ ހަމައެކަނި މާޒިޔާ މެޗުންނެވެ. 

މިއަންނަ ހަފްތާ ވެސް އޮޑި ސްޕޯޓްސްއަށް އޮތީ ވަރުގަދަ މެޗެކެވެ. އެގޮތުން ޖެނުއަރީ 6ވަނަ ދުވަހު އެ ޓީމުން ނިކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސްއާ ދެކޮޅަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450