ދުނިޔެ

ސޯޝަލް މީޑިއާގެ ނުރައްކާތަކުން ޒުވާނުން ރައްކާތެރިކުރުމަށް ނިއުޔޯކުން ގާނޫނެއް ފާސްކޮށްފި

ސޯޝަލް މީޑިއާގެ ނުރައްކާތަކުން ޒުވާނުން ރައްކާތެރިކުރުމަށް ނިއުޔޯކުން ގާނޫނެއް ފާސްކޮށްފި

ސޯޝަލް މީޑިއާ ބޭނުންކުރަން އިން ކުއްޖެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޑިސެމްބަރު 2025، 09:03

27 ޑިސެމްބަރު 2025، 09:03

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުރިމަތިކުރުވާފާނެ ނުރައްކާތަކާ ބެހޭ އިންޒާރުތައް ދައްކަން ޖެހޭނެކަމަށް ނިއުޔޯކް ސްޓޭޓުން އައު ގާނޫނެއް ފާސްކޮށްފިއެވެ. މި ގާނޫނު ތަންފީޒުކުރަން ގަވަރުނަރު ކެތީ ހޯޗުލް ސޮއިކުރައްވައި އެކަން އިއުލާނުކުރެއްވީ ހުކުރު ދުވަހުއެވެ. މި ގާނޫނަކީ، ނިމުމެއް ނެތި ސްކްރޯލްކުރުމާއި، އޮޓޯ-ޕްލޭއާއި، ދިގު މުއްދަތަށް ބޭނުންކުރުމަށް ބާރުއަޅާ އަލްގޮރިތަމިކް ފީޑްތައް ފަދަ ސިފަތައް ހިމެނޭ ޕްލެޓްފޯމްތަކަށް އަމާޒުކޮށްފައިވާ ގާނޫނެކެވެ.

ގަވަރުނަރު ހޯޗުލް ވިދާޅުވީ، ސޯޝަލް މީޑިއާގެ ނުރައްކާތަކުން ކުޑަކުދިން ހިމާޔަތްކުރުމަކީ އެކަމަނާގެ އެންމެ އިސްކަމެއް ދެއްވާކަމެއްކަމުގައެވެ. މި އިންޒާރުތައް އެކަމަނާ އަޅުއްވާކިޔުއްވީ ދުންފަތުގެ ބާވަތްތަކާއި، ގޭތެރޭގައި ބޭނުންކުރާ ނުރައްކާތެރި ތަކެތީގައި ހުންނަ ލޭބަލްތަކާ އެއްފަދަ ކަމަށެވެ. އެ ލޭބަލްތަކުން ދުންފަތާއި އެފަދަ ތަކެތީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ މައުލޫމާތު ދޭ ފަދައިން، މި އައު ލޭބަލްތަކުން ސޯޝަލް މީޑިއާގެ ފުރާނަ އަށް ގެއްލުންވާފަދަ ފީޗާޒްތަކާ ބެހޭ ގޮތުން މައިންބަފައިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް މަގުފަހިވާނެއެވެ.

މި ގާނޫނު ހިނގާނީ ނިއުޔޯކްގައި އެއްކޮށް ނުވަތަ ބައެއް ބޭނުންކުރާ ޕްލެޓްފޯމްތަކަށެވެ. ނިއުޔޯކްގެ ބޭރުން މި ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކަށް މި ގާނޫނު ނުހިގާނެއެވެ. ގާނޫނާ ޚިލާފުވެއްޖެނަމަ، ކޮންމެ މައްސަލައަކަށް 5,000 ޑޮލަރު (ގާތްގަނޑަކަށް 77,000 ދިވެހި ރުފިޔާ) އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ސްޓޭޓް އެޓާނީ ޖެނެރަލްއަށް ލިބިގެންވެއެވެ.

ނިއުޔޯކްގެ މި ފިޔަވަޅަކީ، ޒުވާނުން ރައްކާތެރިކުރުމަށް ގަވައިދުތައް ތައާރަފްކުރާ ކެލިފޯނިއާ އަދި މިނެސޯޓާ ފަދަ އެހެން ސްޓޭޓްތަކާ ގުޅިގެން އަޅާ ފިޔަވަޅެކެވެ. މި އަހަރުގެ ކުރީކޮޅު އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައެވެ. ގާނޫނު ހަދާ ފަރާތްތަކާއި ސިއްހީ މާހިރުން ވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަންނަނީ އިތުރު ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހެމުންނެވެ. އެމެރިކާގެ ސްކޫލް ޑިސްޓްރިކްޓްތަކުން ވަނީ މެޓާ ޕްލެޓްފޯމްސް ފަދަ ކުންފުނިތަކާ ދެކޮޅަށް ދައުވާކޮށް، އެ ކުންފުނިތަކުގެ ފުރާނައަށް ނުރައްކާ ފީޗާޒްތަކުގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންވާކަމަށް ބުނެފައެވެ. 2023 ވަނަ އަހަރު އެމެރިކާގެ ސަރޖަން ޖެނެރަލް ވަނީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ، ނިއުޔޯކްގެ މި އައު ގާނޫނާ އެއްފަދަ އިންޒާރު ލޭބަލްތައް ޕްލެޓްފޯމްތަކުގައި ބެހެއްޓުމަށް ލަފާދެއްވާފައެވެ.

މި ގާނޫނާ ބެހޭ ގޮތުން ޓިކްޓޮކާއި، މެޓާއާއި، ގޫގުލްއިން މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. މާހިރުން ބުނާ ގޮތުގައި މި ގާނޫނުގެ ސަބަބުން އެހެން ސްޓޭޓްތަކަށް ވެސް މިފަދަ ގަވައިދުތައް ތަންފީޒުކުރުމަށް ބާރު އެޅިދާނެއެވެ. އެހީތެރިވާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މި ގާނޫނުގެ ސަބަބުން މައިންބަފައިންނަށް ކުދިން އޮންލައިންގައި ހޭދަކުރާ ވަގުތު މޮނިޓަރީކުރުމަށް އެހީވެ، ޑިޖިޓަލް އެޑިކްޝަނާ ބެހޭ ހޭލުންތެރިކަން އިތުރުވާނެއެވެ. މި ގާނޫނުގެ މަގުސަދަކީ ސޯޝަލް މީޑިއާ ކުންފުނިތަކުން ޒިންމާދާރުކޮށް އަމަލުކުރުމަށް ބާރު އެޅުމެވެ. އަދި ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަން، ޚާއްސަކޮށް ކުޑަކުދިންގެ ސަލާމަތްތެރިކަމަކީ އިސްކަމެއް ކަމުގެ މެސެޖެއް ވެސް މީގެ ސަބަބުން ފޮނުވިގެންދާނެއެވެ. މި ލޭބަލްތަކަކީ ޒުވާނުންނަށް ބްރޭކް ނަގައި، ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުވުމަށް ހަނދާންކޮށްދޭނެ ވަސީލަތެއް ކަމުގައި ވެސް ވެދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450