ވިޔަފާރި / ޚަބަރު

ޤަވާއިދާ ޚިލާފަށް ހިންގާ 66 ބިދޭސީ ވިޔަފާރިއެއް ބަންދުކޮށް ވުޒާރާއިން ފިޔަވަޅު އަޅައިފި

ޤަވާއިދާ ޚިލާފަށް ހިންގާ 66 ބިދޭސީ ވިޔަފާރިއެއް ބަންދުކޮށް ވުޒާރާއިން ފިޔަވަޅު އަޅައިފި

ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރި ޗެކްކުރުން ފޮޓޯ: އިމިގްރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޑިސެމްބަރު 2025، 09:27

27 ޑިސެމްބަރު 2025، 09:27

ޤަވާއިދާއި ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 66 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދުއެވެ.

ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލާ ފާސްކޮށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް ("ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް") އެކުލަވާލާ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. މި މަސައްކަތާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ޠާރިޤް ވިދާޅުވީ، މިހާތަނަށް 307 ޝަކުވާ ލިބިފައިވާ ކަމަށާއި، 153 ތަނެއް ބަލާ ފާސްކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގާ 66 ތަނެއް ބަންދުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަންދުކުރެވުނު ވިޔަފާރިތަކުގެ ތެރެއިން 46 ވިޔަފާރި ބަންދުކުރެވުނީ އިޤްތިޞާދީ ވުޒާރާގެ ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުން ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި 20 ވިޔަފާރިއެއް ބަންދުކުރެވުނީ އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެންނެވެ. މީގެ އިތުރުން، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު 22 ވިޔަފާރިއަކަށް އަލުން ހުޅުވަން ހުއްދަ ދީފައިވާ ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.

ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދެނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެ ފައިސާ ދެއްކުމުން،

ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު 

ޓާސްކް ފޯހުން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގައި ވިޔަފާރިތައް ބަންދުކުރަނީ، ވިޔަފާރި ރަޖިސްޓްރީނުކޮށް ހިންގުމާއި، ރަޖިސްޓަރކޮށްފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތައް ހިންގަމުންދާތީއެވެ. މީގެ އިތުރުން އެޗްޕީއޭ (ހެލްތް ޕްރޮޓެކްޝަން އޭޖެންސީ) އާއި އެމްއެފްޑީއޭ (މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ) އިން ތަންފީޒު ކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފުވުމުންވެސް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އަންނަނީ ބަންދު ކުރަމުންނެވެ.

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ. އެ ވުޒާރާއިން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ 30 އަށްވުރެ ގިނަ ދާއިރާ ހިމެނޭ ލިސްޓެއްވެސް އެކުލަވާލާފައެވެ.

އިޤްތިޞާދީ ވުޒާރާއަށް ފާހަގަކުރެވިފައިވާ ގޮތުގައި، ޤަވާޢިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ ދެގޮތެއް ހުރެއެވެ. އެއީ، ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތަކެވެ. މިފަދަ ހުރިހާ ވިޔަފާރިއަކަށްވެސް ފިޔަވަޅު އަޅައި، ޤަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450