ޚަބަރު
2026ގެ ދިރާސީ އަހަރަށް 30 ޢިމާރާތެއްގެ މަސައްކަތް ނިންމާނެ: ވަޒީރު ޝަފީޢު
ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު. ފޮޓޯ:ވުޒާރާ
ތަޢުލީމީ ދާއިރާގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 30 އިމާރާތެއްގެ މަސައްކަތް ނިންމާ، އަންނަ ދިރާސީ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހަތަރު އަހަރަށްފަހު، އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ދިރާސީ އަހަރަށް ތައްޔާރުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރު އާބާތުރަ ފިލުވުމަށް 30 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 70 މިލިޔަން ރުފިޔާ އެ މަސައްކަތަށް ޚަރަދުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިއަށްގެންދާ 'ކޫލް ސްކޫލް' މަޝްރޫޢާއި އަންނަ އަހަރުގެ ދިރާސީ އައު އަހަރަށް ތައްޔާރުވުމަށް 20 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް 55 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު ޝަފީޢު ވިދާޅުވީ "ފާރާއި، ފުރާޅާއި، ސީލިންއާ އެކިކަންކަން ކުރުމަށްޓަކައި މިހާރު ވަނީ އެލޮކޭޝަންކޮށް ނިންމާފައި. ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތައް އާބާތުރަ ފިލުވުމަށްޓަކައި މި ކުރިވަރަކަށް އެއްވެސް ސަރުކާރަކުން ނެތް މަސައްކަތްކޮށްފައި." ނަމަވެސް، ދިގު މުއްދަތަކަށް މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން އަދިވެސް ބޮޑެތި މަރާމާތުތައް ކުރަންޖެހޭ ސްކޫލްތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަންނަ ދިރާސީ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ "ޝަހީދު އަލީ" ސްކޫލާއެކު 1800 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެއެވެ. މީގެ އިތުރުން ހުޅުމާލެއަށް އިތުރު 4 ސްކޫލެއް ގެނައުމަށް ޕްލޭންކޮށް، އެ މަޝްރޫޢުތަކުގެ ޑިޒައިން މަސައްކަތް ނިމި، ސްކޫލްތައް ބިނާކުރާނެ ސަރަޙައްދުތައް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.