ޚަބަރު
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: ޕީއެސްއެމް
މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ވަނީ ފެށިފައެވެ. މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ މި ޕްރައިމަރީގައި ޖުމްލަ 297 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންނާއި، އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުންވެސް މި ޕްރައިމަރީގައި ވާދަކުރެއެވެ. ސިޓީ ކައުންސިލްތަކުގެ ތެރެއިން ޕީއެންސީން މޭޔަރަކު ހޮވުމަށް ޕްރައިމަރީ ބާއްވަނީ ހަމައެކަނި އައްޑޫ ސިޓީގައެވެ. އެ މަޤާމަށް 2 ކެންޑިޑޭޓުން ވާދަކުރެއެވެ.
ވޯޓުލުން ކުރިއަށްދާ ގޮތް
މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދަނީ އިސްކަންދަރު ސުކޫލުގައެވެ. އަދި އަތޮޅުތަކުގައި ވޯޓުލުމަށް ޚާއްސަކޮށްފައިވާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރެވިފައިވާ ކަމަށް ޕީއެންސީން ބުނެއެވެ. މި މަހުގެ 1 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން، ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުރިމަތިލާފައެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި، އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުކޮށްފައެވެ. "އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ" ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.