ދުނިޔެ
ޣައްޒާއިން ދުވަހަކުވެސް ނުފޭބުމަށް އިޒްރާއިލުން ނިންމައިފި
ޣައްޒާ
ޞުލްޙައިގެ މުޢާހަދާއާ ޚިލާފުވެ ޣައްޒާއިން ދުވަހަކުވެސް ނުފޭބުމަށް އިޒްރާއިލުން ނިންމައިފިއެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ބުނެފައިވަނީ، ހަނގުރާމައިން ސުންނާފަތިވެފައިވާ ޣައްޒާއިން އިޒްރޭލުގެ ސިފައިން ދުވަހަކުވެސް ފުރިހަމައަށް ފައިބައިގެން ނުދާނެ ކަމަށެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އޮކްޓޯބަރު މަހު ސޮއިކުރި ޞުލްޙައިގެ މުޢާހަދާއާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ.
މަކޯ ރިޝޯން ނޫހުން އިންތިޒާމުކުރި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ކަޓްޒް ބުނީ، ހަމާސް އިން ހަތިޔާރު އެޅި ނަމަވެސް، ޣައްޒާގެ އެތެރޭގައި އިޒްރޭލުގެ ސަލާމަތީ ބާރުތައް ދާއިމީ ގޮތެއްގައި ތިބޭނެ ސަރަޙައްދެއް އޮންނާނެ ކަމަށެވެ. "އަހަރެމެން މިތިބީ ޣައްޒާގެ ވަރަށް ފުންމިނުގައި، އަދި އަހަރެމެން ދުވަހަކުވެސް މުޅި ޣައްޒާއިން ފައިބައިގެން ނުދާނަން،" ކަޓްޒް ބުނެފައިވެއެވެ.
މީގެ އިތުރުން، ޣައްޒާގެ އުތުރުގައި އިޒްރޭލުގެ 'ނަހާލް' ބްރިގޭޑްގެ އައުޓްޕޯސްޓްތައް ޤާއިމުކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ނަހާލް ޔުނިޓްތަކަކީ ތާރީޚީ ގޮތުން އިޒްރޭލުގެ ވަޒަންވެރިން އާބާދުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަސްކަރީ ފައުޖުތަކެކެވެ. ނަމަވެސް، ސުލްހައިގެ އެއްބަސްވުމުގައި ބުނެފައިވަނީ އިޒްރޭލުގެ ސިފައިން ޣައްޒާއިން ފުރިހަމައަށް ފޭބުމަށާއި، އެތަނުގައި އަލުން ވަޒަންވެރިވުން މަނާކުރާ ކަމަށެވެ.
ހުޅަނގު އައްސޭރީގައި އޮންނަ ބައިތް އީލްގައި 1,200 ގެ އެޅުމަށް ހުއްދަ ދިނުމުގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ކަޓްޒް އިތުރަށް ބުނީ، ނަތަންޔާހޫގެ ސަރުކާރަކީ ވަޒަންވެރިން އާބާދުކުރުމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ. އަދި ހުޅަނގު އައްސޭރީގެ ސިޔާދަތީ ބާރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަލަސްތީނުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 11 ގައި ޞުލްޙައިގެ އެއްބަސްވުން ޤާއިމުކުރި ފަހުންވެސް އިޒްރޭލުން ދަނީ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި 406 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު، 2023 އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޖުމްލަ 70,942 މީހުން ވަނީ ޝަހީދުވެފައެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން، އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ޤާއިމުކުރާ ހުރިހާ އާބާދީތަކަކީ ޣައިރު ޤާނޫނީ ތަންތަނެވެ. އަދި ހިފާފައިވާ ބިންތަކަށް މަދަނީ އާބާދީތައް ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ރޯމް ސްޓެޓިއުޓްގެ ދަށުން ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.