ދުނިޔެ
އިޒްރޭލުން ޣައްޒާގެ ޒައިތޫން އަވަށަށް ވަރުގަދަ ހަމަލާތަކެއް ދީފި
އިޒްރާއިލުން ޣައްޒާއަށް ހަމަލާދިނުން
ހުކުރު ދުވަހުގެ ރޭ އިޒްރާއިލް ސިފައިން ޣައްޒާ ސިޓީގެ އިރުމަތީގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި ބޮޑުބަޑިން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކަކީ 10 އޮކްޓޯބަރު 2025 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ދެމުންދާ ހަމަލާތަކެކެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިޒްރޭލު ސިފައިން ވަނީ ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޒައިތޫން އަވަށަށް ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން ވައިގެ ހަމަލާތައް ދީފައެވެ. މީގެ އިތުރުން ތުއްފާހު އަވަށުގެ ސަނަފޫރު ސަރަހައްދަށް ވެސް އިޒްރޭލުގެ ބޮޑުބަޑީގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.
މި ހަމަލާތައް ދީފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕުގައި އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. ޖަބަލިއާ އަކީ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ފޭބުމަށް ނިންމާފައިވާ ސަރަހައްދެކެވެ.
މި ހަމަލާތަކާ ގުޅިގެން މިޞްރުން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. މިޞްރުން ތުހުމަތު ކުރާ ގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރައްވަނީ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމަށް ހުރަސްއަޅައި، މުޅި ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުމަށެވެ.
އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ހިމެނެނީ ޣައްޒާ އަލުން އާރާސްތުކުރުމާއި، އިޒްރޭލު ސިފައިން އިތުރަށް ފޭބުމާއި، އަދި ޣައްޒާ ހިންގުމަށް ޓެކްނޯކްރެޓުންގެ ކޮމިޓީއެއް އެކުލަވާލުން ފަދަ މުހިންމު ކަންކަމެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ހަމަލާތައް ހުއްޓާލުމުގެ ބަޔަށް އިޒްރޭލުން އަމަލުކުރަމުން ނުދާއިރު، އޮކްޓޯބަރު 11 އިން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް އިޒްރޭލުގެ ހަމަލާތަކުގައި 406 ފަލަސްތީނު މީހުން ޝަހީދުވެ 1,118 މީހުން ވަނީ ޒަހަމްވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 10 ގައި އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ފެށި މި ހަނގުރާމަ ދެ އަހަރަށް ދެމިގެންދިޔައިރު، މިހާތަނަށް 71,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި 171,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ. އދ. އިން އަންދާޒާ ކުރާ ގޮތުގައި ޣައްޒާ އަލުން އާރާސްތުކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެއެވެ.