ދުނިޔެ

ސައުތުވެސްޓް އެއާލައިންސްގެ އައު ސިޔާސަތު:  ފަލަ ޕަސިންޖަރުންނަށް އިތުރު ގޮނޑިއެއްގެ ފައިސާ ދައްކަން ޖެހޭނެ

ސައުތުވެސްޓް އެއާލައިންސްގެ އައު ސިޔާސަތު:  ފަލަ ޕަސިންޖަރުންނަށް އިތުރު ގޮނޑިއެއްގެ ފައިސާ ދައްކަން ޖެހޭނެ

ސައުތްވެސްޓް އެއަރލައިން އަދި ފަލަމީހުން ސީޓުގައި އުފުލާ ތަކުލީފް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޑިސެމްބަރު 2025، 02:30

27 ޑިސެމްބަރު 2025، 02:30

އެމެރިކާގެ މަޝްހޫރު ބަޖެޓް އެއާލައިނެއް ކަމަށްވާ ސައުތުވެސްޓް އެއާލައިންސް އިން،  ގޮނޑީގެ އަތްގަނޑުގެ ދެމެދަށް ނުފެތޭވަރަށް ބަރުދަން އިތުރު ޕަސިންޖަރުން، ކުރިން ފައިސާ ދައްކައިގެން އިތުރު ގޮނޑިއެއް ގަންނަން ޖެހޭނެކަމަށް އިއުލާނުކޮށްފިއެވެ. މި އައު ސިޔާސަތަކީ އެ އެއާލައިނުން ފަހަކަށް އައިސް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.މި އާ ގަވާއިދު ތަންފީޒުވާން ފަށާނީ ޖެނުއަރީ 27 ވާ ދުވަހުއެވެ. މި ތާރީޚަކީ ސައުތުވެސްޓުން ފްލައިޓްތަކުގައި ގޮނޑި ކަނޑައަޅަންފަށާ ދުވަސްވެސްމެއެވެ.


އައު ސިޔާސަތުގެ ތަފްސީލު:

މިހާރު އޮންނަ އުސޫލު ބަދަލުކޮށް، އައު ސިޔާސަތުގެ ދަށުން، ގޮނޑިއަށް ނުފެތޭ ޕަސިންޖަރުން ފުރުމުގެ ކުރިން އިތުރު ގޮނޑިއެއް ގަންނަން ޖެހެއެވެ. ކުރިން އޮތް ގޮތަކީ، މިފަދަ ފަސިންޖަރުންނަށް އިތުރު ގޮނޑިއެއްގެ ފައިސާ ދައްކައިގެން ފަހުން އަނބުރާ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮތުމެވެ. ނުވަތަ އެއާޕޯޓުން ހިލޭ ގޮނޑިއެއް ހޯދޭނެކަމެވެ. ނަމަވެސް، އައު ސިޔާސަތުގައި ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަން ޔަގީންކުރެވިފައި ނުވެއެވެ.
ސައުތުވެސްޓުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރު ގޮނޑި ކަނޑައެޅުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަމުންދާ ކަމަށެވެ. "ޖާގަ ކަށަވަރުކުރުމަށްޓަކައި، ކުރިން އިތުރު ގޮނޑީގެ ސިޔާސަތު ބޭނުންކޮށްފައިވާ ކަސްޓަމަރުންނަށް، ޓިކެޓް ގަންނަ އިރު އެ ގޮނޑި ގަތުމަށް އަޅުގަނޑުމެން އަންގަމުން މިދަނީ،" އެ ބަޔާނުގައި ވެއެވެ.

އެއާލައިނަށް އަންނަ ބަދަލުތައް:

މިއީ ސައުތުވެސްޓް އެއާލައިނަށް ފަހަކަށް އައިސް އަންނަ އެންމެ ފަހުގެ ބަދަލެވެ. ދިގު މުއްދަތަކަށް، އެއާޕޯޓަށް އައުމަށްފަހު ގޮނޑި ހޯދުމުގެ ފުރުސަތާއި، އިތުރު ލަގެޖް ހިލޭ ގެންދެވޭނެ ހިދުމަތް ދެމުން އައި އެއާލައިނުން، މިފަދަ ހިދުމަތްތައް ހުއްޓާލާފައިވަނީ މެއި މަހުއެވެ. މިފަދަ ހިދުމަތްތަކަކީ އެހެން ބަޖެޓް އެއާލައިންތަކުން ވަކިކޮށް، ސައުތުވެސްޓްގެ ކަސްޓަމަރުން ގިނަ ކުރުމަށް މުހިންމު ދައުރެއް އަދާކުރި ކަންކަމެވެ.
އައު ސިޔާސަތުގެ ދަށުންވެސް، ދެ ޓިކެޓް އެއްކޮށް ގަނެފައިވާނަމަ، އިތުރު ގޮނޑިއެއްގެ ފައިސާ އަނބުރާ ދޭނެކަމަށް ސައުތުވެސްޓުން ބުނެއެވެ. ނަމަވެސް ޕަސިންޖަރުން މި ފައިސާއަށް އެދެން ޖެހެނީ ފުރުމަށް 90 ދުވަހުގެ ތެރޭގައެވެ. އިތުރު ގޮނޑިއެއް ބޭނުންވާ ފަސިންޖަރަކު ކުރިން ނުގަންނަ ނަމަ، އެއާޕޯޓުން ގަންނަން ޖެހޭނެއެވެ. ފްލައިޓް ފުރިފައިވާނަމަ، އެ ފަސިންޖަރު އަނެއް ފްލައިޓަށް ބަދަލުކުރެވޭނެއެވެ.

ޕަސިންޖަރުންގެ ކަންބޮޑުވުން:

އޯލާންޑޯގައި ހުންނަ ޓްރެވަލް އެޖެންޓެއް ކަމަށްވާ ޖޭސަން ވޯން، ސޯޝަލް މީޑިއާގައި "ފެޓް ޓްރެވަލް ޓެސްޓެޑް" ގެ ނަމުގައި ފަލަ މީހުންނަށް ޓްރެވަލް ޓިޕްސް ދެމުން އަންނަ ވޯން ބުނީ، މި ބަދަލުގެ ސަބަބުން ހުރިހާ ސައިޒެއްގެ ފަސިންޖަރުންނަށްވެސް އަސަރުކުރާނެ ކަމަށެވެ. ސައުތުވެސްޓްގެ ކުރީގެ ސިޔާސަތުގެ ސަބަބުން ފަލަ ޕަސިންޖަރުންނަށް ދަތުރުކުރުމުގެ ތަޖުރިބާ ރަނގަޅުވިކަމަށާއި، އަދި ހުރިހާ ޕަސިންޖަރުންނަށްވެސް ގޮނޑީގައި އެކަށީގެންވާ ޖާގަ ލިބުނުކަމަށް އޭނާ ބުނެއެވެ.

އައު ގަވާއިދާ ބެހޭގޮތުން ވޯން ބުނީ، "މިކަމުގެ ސަބަބުން ހުރިހާ އެންމެންނަށްވެސް ދަތުރުކުރުމުގެ ތަޖުރިބާ ގޯސްވާނެކަމަށް ހީވޭ." ވޯން މި ބަދަލު ސިފަކުރީ ސައުތުވެސްޓްގެ ވަފާތެރި ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްދަތިކަމެއްގެ ގޮތުގައެވެ. އޭނާ ބުނި ގޮތުގައި އެއާލައިނަށް މިހާރު އެމީހުންގެ ކަސްޓަމަރުންނަކީ ކޮބައިކަން އެނގޭހެނެއް ހިއެއް ނުވެއެވެ. އަދި އެ އެއާލައިންގެ އަމިއްލަވަންތަ ކަމެއްވެސް މިހާރު ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.
ފަހަކަށް އައިސް އެއާލައިނަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާއިރު، އާމްދަނީ އާއި ފައިދާ އިތުރުކުރުމަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ބާރެއް ކުރިމަތިވެފައިވެއެވެ. އަދި މިދިޔަ އަހަރު ޕަސިންޖަރުންނަށް އިތުރު ފައިސާއަކަށް ލެގްރޫމް ވިއްކުމާއި، ރެޑް-އައި ފްލައިޓްތައް ދިނުމަށްވެސް އެ އެއާލައިނުން ވަނީ އިއުލާނުކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450