ޚަބަރު
ހުޅުމާލެ 3ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ 74 އިންސައްތަ މަސައްކަތް ނިމިއްޖެ
ހުޅުމާލެ ތިންވަަނަ ފިޔަވަހީގެ ބިންހިއްކުން ކުރިޔަށްދަނީ / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
28 ޑިސެމްބަރު 2025، 09:18
28 ޑިސެމްބަރު 2025، 09:18
ހުޅުމާލެ 3ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިހާރު ކުރިޔަށް ގެންދާއިރު، ހިއްކަން ކަނޑައަޅާފައިވާ ބިމުގެ 74 އިންސައްތަ ނިމިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަސައްކަތް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށުމަށްފަހު، އެކިފަހަރު މަތިން މަސައްކަތް ހުއްޓިފައި ވުމުން މިހާތަނަށް މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސައްކަތް ވަނީ އަލުން ބާރުސްޕީޑުގައި ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު، މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.
ހުޅުމާލެ ތިންވަަނަ ފިޔަވަހީގެ ބިންހިއްކުން ކުރިޔަށްދަނީ / ފޮޓޯ: އެމްއޭސީއެލް
މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ 22,000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 28 ގައެވެ.
މި ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު، އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެމްއޭސިއެލުން މައުލޫމާތުދެއެވެ.
3ވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، މިހާރު ބޭނުންކުރާ ބޮޑު ޑްރެޖަރުތައް ދެން ބޭނުންކުރާނީ ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ތާވަލުކޮށްގެން ކުރިއަށް ގެންދަމުންނެވެ.