ޚަބަރު
ނަފްސާނީ ބަލިތަކަށް ޅެމުން ފަރުވާ ދިނުމަށް ރާއްޖޭގައި ބޮޑު ދިރާސާއެއް!
ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ވުޒާރާ
ނަފްސާނީ ބަލިތަކަށް ޅެމުން ފަރުވާ ދިނުމަށް ރާއްޖޭގައި ބޮޑު ދިރާސާއެއް ހަދާ ނިމިފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާ ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޅެމުން ފަރުވާ ދިނުމާ ގުޅޭ އެ ދިރާސާ ހެއްދެވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު ކަމަށެވެ. ވަޒީރު ވިދާޅުވީ، މިއީ ވަރަށް ބޮޑު ދިރާސާއެއް ކަމަށާއި، އެ ދިރާސާ ވަޒީރަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ. ހަމަ އެއާއެކު، ނަފްސާނީ ބަލިތަކަށް ޅެމުން ފަރުވާ ދިނުމުގެ ދިރާސާތައް ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި ބައެއް އަމިއްލަ ފަރާތްތަކުން ވެސް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާތަނަށް ނިމިފައި ވަނީ ޑެޕިއުޓީ މިނިސްޓަރު ވަހީދު ހެއްދެވި ބޮޑު ދިރާސާ އެކަނި ކަމަށެވެ.
ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ޚާއްޞަ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފެށިކަން ވަޒީރު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. އެ ދުވަހު ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ އެއަށް ވުރެ މާ ބާރުގަދަ ހަތިޔާރެއް ކަމަށެވެ.
އެގޮތުން، ތަރައްޤީވެފައިވާ ޤައުމުތަކުގައި ވެސް ޅެންވެރިކަމަކީ މީހާގެ ނަފްސާނީ މައްސަލަތަކަށް ފަރުވާދޭ ވަޞީލަތެއް ކަމަށާއި، ބޭސްވެރިކަމެއްގެ ގޮތުގައި ވެސް ޅެން ބޭނުން ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.