ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާޙްކޮށްފި
އެކްޝަން ޕްލޭން އިފްތިތާޙުކުރުން/ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2026 އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަދު އިފްތިތާޙްކުރެވުނު އެކްޝަން ޕްލޭނަކީ އެ ވުޒާރާ އިން އެކި ދާއިރާތަކުން 2026 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްޞީލް ގޮތެއްގައި ހިމެނިފައިވާ އެކްޝަން ޕްލޭނެއްކަން ފާހަގަކޮށްލެވެވޭ ކަމަށެވެ. ހަމަ އެހެންމެ، އެ ވުޒާރާގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި އެކްޝަން ޕްލޭނުގައި ވާ ގޮތަށް ކަންކަން ޙަސިލްކުރެވޭނެ މަގުންކަމަށާއި، މިއީ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިގެންދާ މުހިއްމު މަސައްކަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރަށް ވެސް އެކްޝަން ޕްލޭންއަކާއެކު މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާއިރު، އެކްޝަން ޕްލޭނުގައި ހިމެނޭ ގިނަ ކަންކަން ޙާސިލްކުރެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު ކުރިއަށް ގެންދަވަނީ ވަރަށްވެސް މަތިވެރި އަޒުމާއި އިޚްލާޞްތެރިކަމާއިއެކު، ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ކަމަށެވެ.
މީގެ އިތުރުން، އެ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާގެ މުވައްޒަފުން ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެކްޝަން ޕްލޭނަކީ ވުޒާރާގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެއްކަން ފާހަގަކޮށްލެވެއެވެ.