Ads by Stelco

ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަނީ

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަނީ

ވަޒީރު މުއްޠަލިބު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޑިސެމްބަރު 2025، 04:39

28 ޑިސެމްބަރު 2025، 04:39

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަން ޕްލޭން ކުރެވެނީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަން ޤާއިމްކޮށްދިނުމުގެ މައްޗަށް ކަމަށާއި، އެއްކޮޓަރިން 2 ކޮޓަރިއަށް ޢަދަދު އިތުރު ކުރުމުގެ ބަދަލުގައި 3 ކޮޓަރިއަށް ސަރުކާރުން އިސްކަންދެނީ ޢާއިލާތަކަށް ހަމަޖެހިލައިގެން އުޅޭނެ މަގުތަނަވަސް ކަމެއް ދިނުމަށް ކަމަށެވެ. އެގޮތުން، ސަރުކާރުން އިޢުލާން ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ބިނާކުރާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި، މިހާރު ތާވަލްކުރެވިފައިވާ ގޮތުން އަންނަ މަހުގެ 20 އަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖަނަވަރީ 2026އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ. ދެން ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މި ޖަނަވަރީ މަހު ފެށިގެން ކުރިއަށް ގެންދާނަން. އަދި އިން ކަނޑައެޅޭ މިންވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން.

ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުއަކީ، މާލެ ސަރަޙައްދުން ގޯތި ދޫކުރުމަށް ފެށި "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ކަނޑައެޅި ގޯތިތައް ދިނުމަށް ހިއްކާ ސަރަޙައްދެކެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 3 ސަރަޙައްދަކަށް ބަހާލައިގެން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ވަނީ ދޫކޮށްފައެވެ. އެގޮތުން 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގޯތިތަކުގެ ގުރުއަތު އަލުން ނެގީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ތާވަލުކޮށްގެން ކުރިއަށް ގެންދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450