Ads by Stelco

ޚަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިންމާލެވޭނެ: ވަޒީރު މުއްޠަލިބް

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިންމާލެވޭނެ: ވަޒީރު މުއްޠަލިބް

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޑިސެމްބަރު 2025، 04:42

28 ޑިސެމްބަރު 2025، 04:42

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިންމާލެވޭނެކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ޑްރެޖަރއެއް ބޭނުންކޮށްގެން ކުރުމަށް ނިންމާފައިވާ ކަމަށެެވެ. އެގޮތުން، އެކި ސައިޓްތަަކަށް ބަހާލާއިގެން 3 ކުންފުންޏަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރު އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ރަސްމާލެ ހިއްކާ ނިމުމުން ސަރުކާރުގެ އައު ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެންދާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ގުޅީފަޅު، ގިރާވަރުފަޅު، ހުޅުމާލެ ފޭސް 3 އަދި ރަސްމާލެވެސް އާބާދުކުރަން ބަލާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މުނިސިޕަލް އިންފްރަސްރަކްޗަރ އަދި މަގު ހެދުމުގެ މަސައްކަތް. މިހާރު މިނިސްޓްރީ އޮފް ފައިނޭސްއިން އިޢުލާންކޮށްފައި އެބައޮތް އެތަނުގެ މާސްޓަރ ޕްލޭންއެއް ހެދުމަށް ފަރާތްތަކެއް ހޯދުމަށްޓަކައި.

ވަޒީރު ވިދާޅުވިއެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ގެނައި ދެ ޑްރެޖަރާއެކު މަސައްކަތް ހަލުވިވެފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން، މި މަސައްކަތަށް އިތުރު ބާރެއް ގެނެސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރ ކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" މި މަޝްރޫޢުގައި ބޭނުންކުރަން ފެށުމުންނެވެ. މި ޑްރެޖަރ މަސައްކަތް ފަށާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ރަސްމާލޭގެ މަޝްރޫޢަކީ، ދުނިޔޭގެ ވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ. މީގެ އިތުރުން، ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށްގެންދާއިރު، ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450