ޚަބަރު
މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރަށް!
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން މިހިނގާ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި މައްސަލާގައި މިހާތަނަށް ބެލިބެލިމުން، މިއަހަރުގެ މެއި މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ ކަމަށާއި، އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާކަން ފުލުހުންގެ ތަޙުޤީގަށް ހާމަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.