ޚަބަރު
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން---
ފަރުދުން
28 ޑިސެމްބަރު 2025، 07:13
28 ޑިސެމްބަރު 2025، 07:13
މިދިޔަ ބުރާސްފަތި ދުވަހު ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި އެތެރެކުރަން އުޅުނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ހިފެހެއްޓި މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުޙައްމަދު ޢާދިލް (57އ)އެވެ.
އޭގެ ތެރެއިން އަޙްމަދު ޢަލީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާއިރު، މުޙައްމަދު ޢާދިލް ހައްޔަރުކުރީ ހޮނިހިރު ދުވަހުއެވެ.
އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ހިފެހެއްޓި ސިރަޕް ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ 10 ފޮށިގަނޑުގައި ބަންދުކޮށްގެންނެވެ.
މި ތަކެތީގެ ބަރުދަނުގައި 40 ކިލޯ ހުއްޓެވެ. އަދި ފުރަތަމަ މަރުހަލާގައި މި ތަކެތި ޓެސްޓުކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި، ބަރުދަނަށް ބަލާއިރު، މި ތަކެތީގެ މަގުމަތީގެ އަގު 30 މިލިއަނަށް ވުރެ އިތުރުވާނެއެވެ.