Ads by Stelco

ޚަބަރު

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ޚަރަދު ކުޑަކޮށްފި

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ޚަރަދު ކުޑަކޮށްފި

ދިވެހިރާއްޖޭގެ މާޒީ ވުޒާރާ---

farudhun logo

ފަރުދުން

28 ޑިސެމްބަރު 2025، 08:34

28 ޑިސެމްބަރު 2025، 08:34

01 ޖެނުއަރީ 2025 އިން ފެށިގެން 18 ޑިސެންބަރު 2025އާ ދެމެދު ދައުލަތުން ކޮށްފައިވާ ޚަރަދު، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ކުޑަކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

މާލީ ވުޒާރާއިން ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ރިޕޯޓުތައް ދައްކާގޮތުން، އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދަށް 38،923.8 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރު ޚަރަދުކޮށްފައި ވަނީ 44،621.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ މި މުއްދަތުގައި ދައުލަތުން ހޭދަކުރި ވަނީ 5،698.1 މިލިއަން ރުފިޔާ ކުޑަކޮށްފައެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ބުނާ ގޮތުން، މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ސަލާމަތްކޮށްފައި ވަނީ ބިމާއި އިމާރާތްތަކަށް ކޮށްފައިވާ ޚަރަދުންނެވެ. މިދިޔަ އަހަރު ބިމާއި އިމާރާތްތަކަށް 4،090.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު މި އަދަދު ވަނީ 1،605.2 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އިންފްރާސްޓްރަކްޗަރ އެސެޓުގެ ގޮތުގައި މިދިޔަ އަހަރު 7،193.3 މިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރުގެ މި މުއްދަތުގައި އެކަމަށް ހޭދަކޮށްފައި ވަނީ 3،301.6 މިލިއަން ރުފިޔާއެވެ. 

ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު ވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަން ފަންޑަށް އެއްކޮށް ހޭދަކުރިވަރު އިތުރެވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 13،375.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު މިކަމަށް ހޭދަކޮށްފައި ވަނީ 12،476.3 މިލިއަން ރުފިޔާއެވެ.

އަނެއްކޮޅުން މި އަހަރު ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރު 27،462.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 24،960.1 މިލިއަން ރުފިޔާއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަވެފައިވުމުގެ ސަބަބުން އިތުރުވި ޓެކުހެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450