ޚަބަރު
ވަޠަނީ ޚިދުމަތުގެ ދަށުން ޓްރޭނިން ހެދި ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެ
ވަޠަނީ ޚިދުމަތުގެ ބައިވެރިން ނަސްރުގެ ދުވަހުގެ ޖަލްސާގައި / ފޮޓޯ: ޕީއެސްއެމް
ފަރުދުން
28 ޑިސެމްބަރު 2025، 10:29
28 ޑިސެމްބަރު 2025، 10:29
ވަޠަނީ ޚިދުމަތުގެ ދަށުން ޓްރޭނިން ހެދި ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 1ވަނަ ދުވަހުއެވެ. މި ފަހަރުގެ ޕްރޮގްރާމުގައި 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
މި ޕްރޮގްރާމަކީ ހަމައެކަނި ތަމްރީނު ނުވަތަ ވަޒީފާއަށް ބޭނުންވާ މީހުން ހޯދުމަށްވުރެ މާ މަތީގެ މަޤްޞަދުތަކެއް ހިމެނޭ ހަރަކާތެކެވެ. މިއީ ޤައުމީ ފަޚުރު އާލާކުރުމަށާއި، އިޖުތިމާޢީ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، މުސްތަޤްބަލުގެ ލީޑަރުންނާއި، ދިފާޢީ ބާރުތަކުގެ މީހުންނާއި، ނަމޫނާ ދައްކާނެ ޒުވާނުން ބިނާކުރުމުގެ މަސައްކަތެކެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީން ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫނެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންގެ ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.
މި ތަމްރީނުތަކުގެ ސަބަބުން ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިވެގެންދާނެ ކަމެއްކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ޓްރެއިނިންގެ ދެވަނަ ބުރު އަންނަ ޖެނުއަރީގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް ދިފާޢީ ވުޒާރާއިން ހާމަކުރެއެވެ.