ކުޅިވަރު

މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯއަށް

މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯއަށް

މިޑްލް އީސްޓް ޕްލެޔަރ އޮފް ދަ އިޔާރގެ އެވޯޑާއި ރޮނާލްޑޯ ހަވާލުވުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ޑިސެމްބަރު 2025، 07:27

29 ޑިސެމްބަރު 2025، 07:27

ގްލޯބް ސޮކަރ އެވޯޑްސްއިން ހޮވާ މިޑްލް އީސްޓް ޕްލެޔަރ އޮފް ދަ އިޔާރގެ އެވޯޑު، ސައުދީ އަރަބިއްޔާގެ އަލް-ނަސްރުއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ. 

2010ވަނަ އަހަރުން ފެށިގެން ދުބާއީގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި އެވޯޑު ހަފްލާއަކީ، ފުޓުބޯޅައާ ގުޅުންހުރި ގިނަ އެވޯޑުތަކެއް އަރުވާ ހަފްލާއެކެވެ. 

މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދިއިރު، އުމުރުން 40 އަހަރުގައި ވެސް ރޮނާލްޑޯ އަންނަނީ މޮޅު ކުޅުމެއް ދައްކައި އާދަކޮށް ގޯލު ޖަހަމުންނެވެ. އަދި އޭނާއަކީ މެދުއިރުމަތީގެ ފުޓުބޯޅައިގެ މިހާރުގެ މޫނުމައްޗެވެ. އެ ސަރަޙައްދުގެ ފުޓުބޯޅައިގެ މަޤުބޫލުކަން މުޅި ދުނިޔެއަށް ފެތުރުމުގައި ވެސް ރޮނާލްޑޯގެ ދައުރު ބޮޑެވެ. އެހެންކަމުން މި އެވޯޑުން ރަމްޒުކޮށްދެނީ، ދަނޑު ތެރޭގެ އިތުރުން، ދަނޑުން ބޭރުގައި ވެސް ރޮނާލްޑޯގެ ނުފޫޒު މި ކުޅިވަރުގައި އޮންނަ މިންވަރެވެ.

އެވޯޑާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އިންޑިވިޖުއަލް އެވޯޑަކާ ހިސާބުން އޭނާގެ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، އިތުރު ކާމިޔާބީތައް އަމިއްލަ ގޮތުންނާއި ޓީމަށް ހޯދައިދިނުމަށް މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށެވެ. 

މީގެ އިތުރުން، އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށްދާން ނުޖެހި ދެމިހުރެވިއްޖެނަމަ، ކެރިއަރުގައި 1،000 ގޯލުގެ ޓާގެޓު ހާސިލްކުރާނެކަމަށް ވަރަށް އުއްމީދާއެކު ރޮނާލްޑޯ ވަނީ ބުނެފައެވެ. 

މި ހަފްލާގައި އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދީ އޮސްމަން ޑެމްބެލޭއެވެ. އަދި އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު ހޯދީ އައިޓާނާ ބޮންމަތީއެވެ. އަދި މި އަހަރުގެ އެންމެ މޮޅު މީޑްފީލްޑަރުގެ މަޤާމު ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) ވިޓީނިއާ ހޯދިއިރު، އެންމެ މޮޅު ފޯވާޑްގެ މަޤާމު ހޯދީ ބާސެލޯނާގެ ލެމީން ޔަމާލްއެވެ. ޔަމާލް ވަނީ މި ހަފްލާގައި މެރެޑޯނާ އެވޯޑު ވެސް ހޯދާފައެވެ. މިއީ އަހަރުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ.

މީގެއިތުރުން އެ ހަފްލާގައި އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދީ ޕީއެސްޖީގެ ޑެސީރޭ ޑޮއޫއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450