ޚަބަރު
ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި 3 މީހުން/ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިހިނގާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، މުހައްމަދު އަލީ (39އ) އާއި، ރ.ދުވާފަރު / އުޖާލާއަލި، އިސްމާއީލް ޝައުފާން އަލީ (28އ) އާއި، ގއ. ގެމަނަފުށި / ނިއުލައިޓް، ނަޛީޙު ޙިލްމީ (32އ) ކަމަށެވެ. އަދި މި ތިންމީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައިކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް ޝައުފާން ޢަލީ 5 ދުވަހަށް ބަންދުކުރުމަށް އަދި ދެންތިބި ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.