ޚަބަރު
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
ފަރުމަހެއް/ފޮޓޯ: ވުޒާރާ
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކ. މަނިޔަފުށި ރިސާރޗް އެންޓް ޓްރެއިނިންގ ފެސިލިޓީގައި އަންނަ ޖެނުއަރީ 24 އިން ފެބްރުއަރީ 05 އަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވެވެނީ ޖުމްލަ 15 ފަރާތަކަށް ކަމަށެވެ. އަދި 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ކޯސް ކުރިއަށް ގެންދަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ (އެމްއެމްއާރުއައި) އާއި ގުޅިގެންނެވެ.
މި ޕްރޮގުރާމުގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވާގޮތުގައި ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖެނުއަރީ 2026 ވަނަ ދުވަހުގެ ކުރިން ފޯމުހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.