ޚަބަރު
ބީއެމްއެލްއިން ކުރިޔަށް ގެންދާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަންނަ މަހު ފަށަނީ
ބީއެމްއެލްގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކުރުން / ފޮޓޯ: ބީއެމްއެލް
ފަރުދުން
29 ޑިސެމްބަރު 2025، 08:43
29 ޑިސެމްބަރު 2025، 08:43
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑެބަލް ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މަސައްކަތް ފެށުމުގެ ގޮތުން ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ވަނީ ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ބީއެމްއެލްއިން ނިންމާފައި ވަނީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ޗައިނާގެ މި ދެ ކުންފުންޏާ ހަވާލުކޮށްގެންނެވެ.
އެގޮތުން ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕްއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. މި ކުންފުނިން ވަނީ ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ކުރިން ވެސް ހިންގާފައެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްޤީކުރުން ވެސް ހިމެނެއެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށެވެ. މިއީ ވެސް މަސައްކަތުގެ ތަޖުރިބާ ހުރި، ބޮޑު ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ވެސް ހިމެނެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި އެ ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުންނެވެ.