ޚަބަރު
ބީއެމްއެލްގެ ހައުސިންގެ ޔުނިޓުތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރާނެ
ބީއެމްއެލްގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކުރުން / ފޮޓޯ: ބީއެމްއެލް
ފަރުދުން
30 ޑިސެމްބަރު 2025، 08:03
30 ޑިސެމްބަރު 2025، 08:03
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިންގެ ޔުނިޓުތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރާނެކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކޮށްފައި މިވަނީ، މި ހައުސިން ޔުނިޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 2،000އަށް ވުރެ ގިނަ ޔުނިޓްގެ މަސައްކަތް ޗައިނާގެ ދެ ކުންފުންޏަކާ ހޯމަ ދުވަހު ހަވާލުކޮށްފައި ވަނިކޮށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބީއެމްއެލްގެ ސްޕޯކްސްޕާރސަން މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހޯމަ ދުވަހު ބޭރު ކުންފުނިތަކާ ހަވާލުކުރި ހައުސިން ޔުނިޓުތަކުގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މިއާއެކު ޖުމްލަ 3،000 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް މިއަންނަ ޖެނުއަރީ މަހު ފެށޭނެކަމަށް ސަޢީދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ހޯމަ ދުވަހު މަސައްކަތް ހަވާލުކުރީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަންއާއެވެ. އެގޮތުން ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕްއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަޙައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްޤީ ކުރުމަށެވެ. އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށެވެ.
މި ދެ ކުންފުންޏަކީ ވެސް ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ކުރިން ހިންގާފައިވާ ދެ ކުންފުންޏެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.