ޚަބަރު
މިއަންނަ ރަމަޟާން މަހަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ވިސާއަށް އެދުމަށް ހުޅުވާލައިފި
ތަރާވީޙް ނަމާދުގެ ތެރެއިން/ފޮޓޯ: ސަން
މިއަންނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް، ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ވިސާއަށް އެދުމުގެ ފުރުޞަތު މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރުމަށާއި ޙިފްޡް ކުރުމަށް ޤާރީން ނުވަތަ ޙާފިޡުން ގެނައުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ މީހުންނަށް މިހާރު އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ނުދައްކައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވީޒާއެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް، ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ޙާފިޡުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. ހަމަ އެހެންމެ، ސްޕެޝަލް ވިޒާ ދޫކުރެވޭ ޙާފިޡުންނާއި ޤާރީން ރާއްޖެ އަންނައިރު، އެފަރާތްތަކުގެ ޢާއިލާގެ މެންބަރަކު ރާއްޖެ ގެންނަނަމަ، އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސަރޝިޕް ޑެކްލަރޭޝަނަށް ހުށަހަޅައި، ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ރާއްޖެ އައުމުގެ ކުރިން ސްޕޮންސަރޝިޕް ޑެކްލެރޭޝަނަށް ހުށަހަޅައިގެން އައިސްފިނަމަ، އެ މީހަކަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި، އެފަރާތްތަކުގެ ވިޒާގެ ކަންތައް ޤަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަށާއި، ވިޒާގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދޫކުރައްވާފައިވާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.