ކޮލަމް

ކޮންމެ އަހަރެއް ނިމޭއިރަށް އަންނަ އަހަރަށް "ހިކެން" އެބަ އުޅޭ

ކޮންމެ އަހަރެއް ނިމޭއިރަށް އަންނަ އަހަރަށް "ހިކެން" އެބަ އުޅޭ

ބަރުދަން ލުއިކުރުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 ޑިސެމްބަރު 2025، 01:13

30 ޑިސެމްބަރު 2025، 01:13

އަހަރު ނިމި، އައު އަހަރަކާ ބައްދަލުކުރާ ކޮންމެ ފަހަރަކު، ގިނަ ބައެއްގެ ދޫމައްޗަށް ފަރިތަ ޢިބާރާތެކެވެ. "މިއަހަރަކު ނުހިކުނެވެ. ދެން ހިކޭނީ އަންނަ އަހަރެވެ." މިއީ ހަމަ ވަރަށް ގިނަ ބައެއްގެ "ނިއު އިޔަރ ރިޒޮލިއުޝަން" އެކެވެ. މިފަދަ ނިންމުންތަކަކީ އާ އުންމީދުތަކާއި އަޒުމުތަކާއެކު ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމަށް ކުރެވޭ ހެޔޮ މަސައްކަތްތަކެކެވެ. ނަމަވެސް މިފަދަ އަޒުމުތައް ހާސިލްކުރުމަށް ދިމާވާ ގޮންޖެހުންތައް މަދެއް ނޫނެވެ.

އެންމެ ބޮޑަށް ފާހަގަކުރެވެނީ، ހިކެން ބޭނުންވާ މީހުންނަށް މަޤްޞަދު ހާސިލުނުވެ، ނުހިކިގެން އުޅޭ ސަބަބުތަކެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރެވުމެވެ. ބައެއް މީހުން ވަރަށް އަވަހަށް ނަތީޖާ ފެންނަން ބޭނުންވެ، އެކަން ނުވެއްޖެނަމަ ހިތްހަމަނުޖެހި، މަސައްކަތް ހުއްޓާލައެވެ. އަދި ޑައިޓަށް ސަމާލުނުވުމާއި، ބަނޑުފުރެންދެން ކެއުމާއި، ހަކުރު ހިމެނޭ ބުއިންތަކަށް ދެވިހިފާފައި ހުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ހަރަކާތްތެރި ނޫން ދިރިއުޅުމެއް އުޅުމާއި، ހަށިގަނޑަށް ބޭނުންވާ ނިދި ނުލިބުމަކީ ވެސް ހިކެން އުޅޭ މަސައްކަތަށް ހުރަސްއަޅާ ކަންކަމެވެ.

ހިކެން މޯޓިވޭޝަން ނުލިބެނީތަ؟

މިކަމަށް ބަލާއިރު ވަގުތީ އުފަލާއި، ކުރު މުއްދަތުގެ ހިތްހަމަޖެހުމަށް ދެވިހިފާފައި ހުރުމަކީ މައިގަނޑު ސަބަބެކެވެ. ހަށިގަނޑު ހިފެހެއްޓުމަށް ބޭނުންވާ އަޒުމާއި ކެތްތެރިކަން މަދުވުމުގެ ސަބަބުން، ވަރުބަލިކަމާއި ފޫހިކަން އިހުސާސްވެ، މާޔޫސްކަން އިތުރުވެއެވެ. މީގެ އިތުރުން، އެކަށީގެންވާ ސަޕޯޓެއް ނުލިބުމާއި، ހިކެން މަސައްކަތްކުރާ ކަންކަމަށް ފަސޭހައިން ބަދަލު ގެނައުމަށް ދަތިވުމަކީ ވެސް މޯޓިވޭޝަން ދަށްވާ ސަބަބުތަކެކެވެ.

ހިކޭނީ ކޮން ކަހަލަ ފޯމިއުލަރއަކުން؟ 

ހިކޭކަށް ވަކި "މެޖިކް" ފޯމިއުލާއެއް ނުހުރެއެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި ހިކުމަށްޓަކައި، ކެއުމުގެ އާދަތަކަށް ސަމާލުކަން ދިނުމާއި، ދާއިމީކޮށް ކަސްރަތު ކުރުމާއި، ޞިއްޙަތަށް ފައިދާހުރި ދިރިއުޅުމެއް އުޅުމަކީ މުހިންމު ކަންކަމެވެ. ކެއުމުގައި ތަރުކާރީ އާއި މޭވާ ގިނައިން ހިމެނުމާއި، ފެން ގިނައިން ބުއިމާއި، ހަކުރު އާއި ތެޔޮ މަދު ކުރުމަކީ ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. އަދި ދުވާލަކު މަދުވެގެން 30 މިނިޓު ވަންދެން ހިނގުން ނުވަތަ އެހެން ކަސްރަތެއް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ހިކެން ބޭނުންނަމަ ހަމަ ކޮންމެހެން ހަދާފައިވެސް "ޖިމް" އަށް ދާންޖެހޭތަ؟ 

ޖިމަކީ ކަސްރަތު ކުރުމަށް ފަސޭހަ ތަނަކަށް ވިޔަސް، ހަމަ ޖިމަށް ނުގޮސްވެސް ހިކުމުގެ މަސައްކަތް ކާމިޔާބު ކުރެވިދާނެއެވެ. ގޭގައި ކަސްރަތު ކުރުމާއި، ހިނގާލުމާއި، ދުވުމާއި، ބައިސްކަލު ދުއްވުމާއި، ފަތާލުން ފަދަ ކަންކަމަކީވެސް ހަށިގަނޑު ހަރަކާތްތެރިކުރުވާ، ހިކުމަށް އެހީވެދޭ ކަންކަމެވެ. އެންމެ މުހިންމީ، ކަސްރަތުކުރުމަށް ވަގުތު ހުސްކޮށް، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމެވެ.

މިކަމުގެ ޙައްލަކީ، އާ އަހަރަކަށް މަޑުކުރުމުގެ ބަދަލުގައި، މިހާރުން މިހާރަށް އަމިއްލަ ނަފްސު މެނޭޖްކޮށް، ކެއުމާއި ކަސްރަތަށް ސަމާލުކަން ދިނުމެވެ. ކުދިކުދި އަމާޒުތައް ކަނޑައަޅައި، އެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރުމަކީ މޯޓިވޭޝަން އިތުރުކޮށްދޭނެ ކަމެކެވެ. ނަތީޖާއާ މެދު ބައެއް ފަހަރަށް މާޔޫސްވީ ނަމަވެސް، އެކަމާ ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލުމުގެ ބަދަލުގައި، އަލުން ފެށުމަށް އަޒުމު ކަނޑައަޅާށެވެ. ހިކުމަކީ ވަގުތީ ކަމެއް ނޫންކަމަށާއި، އެއީ ދިރިއުޅުމުގެ އާދައަކަށް ބަދަލުކުރަންޖެހޭ ޞިއްޙަތަށް ފައިދާހުރި މަސައްކަތެއްކަން ޤަބޫލުކުރުން މުހިންމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450