ޚަބަރު
ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި 6 ބިދޭސީއަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި 6 މީހުން/ފޮޓޯ: ފުލުހުން
ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އެތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން 6 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. އަދި އެ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި، ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި، ޗައުދަރީ (24އ) އާއި، މަކަރް ބަހާދުރް ޓަމަންގް (27އ) އާއި، ބިޝްވަނާތް ޗައުދަރީ (37އ) އާއި، ރަމްރި މާޔާ ވައިބާ (27އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި އެންމެންނަކީ ވެސް ނޭޕާލް މީހުން ކަމަށާއި، މި އެންމެން ވެސް ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.