ޚަބަރު
ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޖޮއިންޓް އެޖެންސީ ވޯކްޝޮޕް ބާއްވައިފި
ވޯކްޝޮޕްގެ ތެރެއިން/ފޮޓޯ: ފުލުހުން
ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޖޮއިންޓް އެޖެންސީ ވޯކްޝޮޕް ބާއްވައިފި އެވެ.
މިއީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ސޮއިކުރެވުނު އިންޓަރ-އޭޖެންސީ ޑިކްލަރޭޝަންގެ ދަށުން މަސައްކަތްކުރުމަށް، 1 އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވައިލުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވި މި ވޯކްޝޮޕްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި، ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި، އެހެނިހެން ފުލުހުންގެ އިތުރުން، މޯލްޑިވްސް ވުމަން އިން ޕޮލިސިންގ ކޮމިޓީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ވޯކްޝޮޕްގައި، އިންޓަރ-އޭޖެންސީ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ ކޮމިޓްމަންޓްތަކާއި އުސޫލުތަކާ މެދު މުއައްސަސާތަކުގެ މެދުގައި އެއްގޮތްކަމެއް އުފެއްދުމާއި، ޑިކްލަރޭޝަންގައިވާ އަންހެނުންގެ ލީޑަރޝިޕްއާއި، ޤާބިލިއްޔަތު ބިނާކުރުމާއި، ސިޔާސަތު އިސްލާހުކުރުމާއި، ފަހި މާހައުލުތައް ޤާއިމުކުރުމާއި، ގުޅިގެން މަސައްކަތްކުރުން އަދި ޖަވާބުދާރީވުމާ ބެހޭ ކޮމިޓްމަންޓްތައް އަމަލީ އަދި ތަންފީޒުކުރެވޭނެ ފިޔަވަޅުތަކަށް ބަދަލުކުރުމާއި، އެއްބަސްވެފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް މުއައްސަސާތަކުގެ ދައުރުތަކާއި ޒިންމާތައް ވަނީ ކަނޑައަޅާފައެވެ.
ހަމަ އެއާއެކު، މޮނިޓަރިންގއާއި ރިޕޯޓުކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.