ޚަބަރު
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ށ. އަތޮޅުން ދެމީހަކު ހައްޔަރުުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ށ. އަތޮޅުން ދެމީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެގޮތުން، މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ނ. މާފަރު / ކެނދިވަރު، އަޙްމަދު ޝިހާމް (40އ) ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، މިމަހުގެ 29 ވަނަ ދުވަހު ފުނަދޫ މަގުމަތިން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / އެންދެރިމާގެ، މުޙައްމަދު ބަޝީރު (27އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، އޭނާ ސައިކަލު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރަމުން ދަނިކޮށް ފެނިގެން ސައިކަލު މަޑުކުރަން ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ދަނިކޮށް އޭނާގެ އަތުގައި އޮފް މޯބައިލް ފޯނު ވެއްޓިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ފޯނާއި ފޯނު ވެއްޓުނު ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.