Ads by Stelco

ޚަބަރު / ވިޔަފާރި

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ރިސޯޓު 5 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައިފި

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ރިސޯޓު 5 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައިފި

ރިސޯޓު އަލުން ހުޅުވުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 ޑިސެމްބަރު 2025، 06:43

30 ޑިސެމްބަރު 2025، 06:43

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް، ޑިސެންބަރު މަސް ނިމުމުގެ ކުރިން އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ރިސޯޓް ހުޅުވާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައި މިވަނީ 5 އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިޢުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މިއީ އައްޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެއްކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ސަރުކާރުން މި ރިސޯޓު ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ޤަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ފުރިހަމަ އެއްބާރުލުން ދީފައެވެ. އަދި ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެންބަރު މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވާފައެވެ.

މި ރިސޯޓު ހުޅުވެގެން ދިއުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެ ކަމަކަށްވީއިރު، މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތުގެ މަންފާ ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450