ވިޔަފާރި / ޚަބަރު
ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މޯލްޑިވިއަންގެ ސީޕްލޭނެއް ތޮއްޑޫގައި---
ފަރުދުން
30 ޑިސެމްބަރު 2025، 07:10
30 ޑިސެމްބަރު 2025، 07:10
އއ. ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ބާރު ދުވެލީގައި ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ ތޮއްޑޫގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދާނެކަމެއްކަމަށް، ތޮއްޑޫ ކައުންސިލުން ފާހަގަ ކުރެއެވެ.
ތޮއްޑޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، އެ ރަށަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފެށުމާ ގުޅޭ ތާރީޙީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އަދި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބުރުއަރީގައި ކަމަށެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިލްޔާސް އަދި މިކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އަޙްމަދު ކަރަމްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު ކުރެއްވެވި ޒިޔާރަތުގައި އިލްޔާސްގެ އިތުރުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ސީޕްލޭންގެ ޚިދުމަތްތަކާއިގުޅޭ އިސް މުވައްޒިފުންގެ ޓީމު ވަނީ ކައުންސިލާއި އަދި ގެސްޓްހައުސް ވިޔަފާރީގައި އުޅުއްވާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.