ޚަބަރު
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދޭ އަގު ކުޑަކުރަނީ
ވެމްކީގެ މިވައްޒަފުން ކުނި އުކާލުމަށްޓަކައި އެއްކުރަނީ / ފޮޓޯ: ވެމްކޯ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދޭ އަގު ކުޑަކޮށްދިނުމަށް، ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނިންމައިފިއެވެ.
މިކަން ހާމަކުރުމަށް ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކުން ކުނި އުކާލުމަށް ނަގާ ފީ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. އެގޮޓުން އެސްއެމްއީތަކުން ކުނި އުކާލާ އަދަދު ކަޑައެޅުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ވިސްނާފައި ވަނީ ވަކި ބޭންޑުތަކެއް ކަނޑައަޅައިގެން ކަމަށާއި، އެ އަދަދުތައް ވަރަށް އަވަހަށް ޚިއްޞާ ކުރާނެކަމަށް ވިދާޅުވިއެވެ.
ވެމްކޯއިން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ 1ވަނަ ދުވަހުން ފެށިގެން އަލަށް ކަނޑައަޅާ އަގު ނަގަން ފެށުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ސިލްސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ވިޔަފާރިތަކުން ކުނި އުކުމަށް ކުރާ ހޭދަ ބޮޑުކަން ފާހަގަކުރައްވާ އެ ކަމުގައި ހައްލެއް ގެނެސްދެއްވުމަށް އެދިވަޑައިގަތެވެ.