ޚަބަރު
މަންޑޭ 397 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި
ޙަސަން މަމްދޫހު (މަންޑޭ) ---
ކޭޕާކް ފްލެޓުތައް ވިއްކުމުގައި ގިނަ ބަޔަކަށް އޮޅުވާލި މައްސަލައިގައި ޙަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
އާންމުންގެ އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ޓެކުމުގެ 50 ދަޢުވާ އާއި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 50 ދަޢުވާ އާއި ސައްޙަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރިއިރު، އޭގެ ތެރެއިން 94 ދަޢުވާއެއް ސާބިތުވެފައިވާކަމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވެއެވެ.
މަންޑޭއަށް ކުރި ޙުކުމުގައި، ޓެކުމުގެ ކޮންމެ ކުށަކަށް އަށް އަހަރުގެ ރޭޓުން ވަނީ ޙުކުމްކޮށްފައެވެ. އެގޮތުން ޓެކުމުގެ 46 ދަޢުވާއަށް އެއޫ 368 އަހަރެވެ. އަދި އޮޅުވާލުމުގެ 44 ދަޢުވާއަށް ޖުމްލަ 14 އަހަރުގެ ޙުކުމްކުރިއިރު، މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެއިތުރުން ސައްޙަ ނޫން ލިޔުމެއް ދިނުމުގެ ތިން ދަޢުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އެހެންކަމުން މަންޑޭއަށް އިއްވި މި ޙުކުމަކީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ޙުކުމެވެ. މީގެ ކުރިން އެންމެ ދިގު ޖަލު ޙުކުމެއް އިއްވާފައި ވަނީ ސައްޙަ ނޫން ޓީޓީތަކެއް މެދުވެރިކޮށް އޮޅުވާލައިގެން މުދާ ހޯދި ހުސައިން ޝިފާއުއަށެވެ. ހަމަ މި މަހު އޭނާގެ މައްޗަށްކުރި ޖަލު ޙުކުމުގެ މުއްދަތަކީ 109 އަހަރެވެ.
މަންޑޭގެ މައްސަލައިގައި ދަޢުވާތައް ގިނަކަމުން ، ގާޒީ ޢަލީ ނަދީމް އެ ހުރިހާ ދައުވާތަކުގެ އަދަބުގެ މިންވަރު ވަކިވަކިން އިއްވުމަށް ދޮޅުގަޑިއެއްހާއިރު ހޭދަވިއެވެ. ނަމަވެސް މިއީ ދައުލަތާއި ދައުވާލިބޭ މީހުންގެ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން، ޝަރީޢަތް ކުރުކުރުމަށް ކޮންމެ ދައުވާއެއްގައި އަދަބު ކަނޑައެޅި މިންވަރު އެކަނި އިއްވުމަށް ހޭދަވި ވަގުތުކަން ފާހަގަކޮށްލަމެވެ.
މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން މަންޑޭ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރިއެވެ. ޖުމުލަ 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް މަންޑޭ ގަތީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.
މަންޑޭގެ އިތުރުން މި މައްސަލައިގައި ދެން ހިމެނޭ ޖައިޝާން ސައީދުގެ މައްޗަށް އިއްވާފައި ވަނީ 159 އަހަރުގެ ޖަލު ޙުކުމެކެވެ. ޖައިޝާންގެ މައްޗަށް ވަނީ ޓެކުމުގައި ބައިވެރިވުމުގެ 46 ދައުވާއަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއަކާއި، އެނގިހުރެ ސައްޙަ ނޫން ލިޔުމެއް ދިނުމުގެ ތިން ދަޢުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވެދިނުމުގެ ދަޢުވާ އުފުލާފައެވެ.