Ads by Stelco

ޚަބަރު

ވީއައިއޭގެ އައު ޓާރމިނަލުން ދިވެހީންނަށް އީ-ގޭޓުގެ ޚިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާރމިނަލުން ދިވެހީންނަށް އީ-ގޭޓުގެ ޚިދުމަތް ދޭން ފަށައިފި

އީ-ގޭޓުގެ ޚިދުމަތް އަލުން ތަޢާރަފްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޑިސެމްބަރު 2025، 01:14

31 ޑިސެމްބަރު 2025، 01:14

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލުން ދިވެހި ފަސިންޖަރުންނަށް އީ-ގޭޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ. 

މިކަމަށްޓަކައި މިއަދު ޓާރމިނަލް-1ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިކަން އިފްތިތާޙު ކުރެއްވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، (ރިޓަޔަރޑް) އަޙުމަދު ފަސީޙުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް އަޙުމަދު އާއި އެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނަށާއި ރާއްޖެއިން ފުރާ ދިވެހީންނަށް އީ-ގޭޓުގެ ޚިދުމަތް ލިބޭނެއެވެ. އަދި ފުރާމީހުންނަށް 5 އީ-ގޭޓާއި އަންނަ މީހުންނަށް ވެސް 5 އީ-ގޭޓު މެދުވެރިކޮށް، ފަސޭޙަ ޚިދުމަތްތަކެއް މިހާރު ލިބިލައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ވީއައިއޭގެ ޓަރމިނަލް-1ގައި އީ-ގޭޓުގެ ޚިދުމަތް އިފްތިތާޙުކުރުން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

އީ-ގޭޓަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި، ފަސިންޖަރުންނަށް ލުއި ފަސޭހަކޮށް، ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށް ބޭނުން ކުރަމުން އަންނަ ވަސީލަތްތަކެކެވެ. އެގޮތުން އީ-ގޭޓު ބޭނުން ކުރުމުގައި އެމީހަކީ ސައްޙަ ދަތުރުވެރިއެއްކަން ސާބިތުކޮށްދިނުމަށް، ޕާސްޕޯޓުގެ އިތުރުން، ބަޔޯމެޓްރިކްސް ބޭނުންކުރާނެއެވެ. 

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި، އަންނަ މީހުންނާއި ފުރާ މީހުންނަށް ބޭނުން ކުރެވޭ އީ-ގޭޓުގެ އަދަދު 10އަކަށް އިތުރުކުރާނެއެވެ. އެ ބަދަލާއެކު ބިދޭސީން ހިމެނޭނެހެން ރާއްޖެއިން ބޭރަށް އަދި ރާއްޖެއަށް ދަތުރުކުރައްވާ ހުރިހާ ފަރާތްތަކަށް އީ-ގޭޓުގެ ޚިދުމަތް ލިބޭނެކަމަށް ވަނީ ހާމަކޮށްފައެވެ.

އީ-ގޭޓުގެ ޚިދުމަތަކީ މީގެ ކުރިން ވެސް އިމިގްރޭޝަނުން ދީފައިވާ ޚިދުމަތެކެވެ. ނަމަވެސް ކޮވިޑުގެ އާލަމީ ވަބާއާއި ގުޅިގެން، އެއީ އެ ވަގުތަށް ރައްކާތެރިގޮތެއް ނޫންކަމުން، އެ ޚިދުމަތް އޮތީ ހުއްޓާލާފައެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލުން ޚިދުމަތް ދޭން ފަށައި، އަދި އީ-ގޭޓް ބޭނުން ކުރަން ފެށުމަކީ ދަތުރުވެރިންނަށް ބޮޑު ލުޔަކަށް ވެގެން ގޮސްފައިވާ ކަމެކެވެ. ކޮންމެ އަހަރަކު އެތަށް ލައްކަ ދަތުރުވެރިންނަކަށް ޚިދުމަތް ދެމުން ދިޔައިރު، ކުރިން ބޭނުން ކުރަމުން އައި ޓާރމިނަލްގެ ޖާގައިގެ ދަތިކަމުން، އެކަމުގެ އުނދަގޫ ފަތުރުވެރިން ހިމެނޭހެން ހުރިހާ ދަތުރުވެރިން ވެސް ތަޙައްމަލުކުރިއެވެ. އަދި މި ބަދަލަކީ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ވެސް އެދިއެދި ތިބި ބަދަލެއްކަން ފާހަގަކޮށްލެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450