Ads by Stelco

ޚަބަރު

އައު ފަސިންޖަރ ޓާރމިނަލަށް ހުރިހާ އެއާރލައިނެއް ބަދަލުކޮށް ނިންމައިފި

އައު ފަސިންޖަރ ޓާރމިނަލަށް ހުރިހާ އެއާރލައިނެއް ބަދަލުކޮށް ނިންމައިފި

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު / ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޑިސެމްބަރު 2025، 07:06

31 ޑިސެމްބަރު 2025، 07:06

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާރމިލަން، ޓާމިނަލް-1އަށް ހުރިހާ އެއާރލައިނެއް ބަދަލުކޮށް ނިމިފައިވާކަމަށް، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

އައު ޓާރމިނަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ ތުރުކީގެ ޤައުމީ އެއާރލައިން، ޓާރކިޝް އެއާރލައިނެވެ. އެ އެއާރލައިނަކީ އައު ޓާރމިނަލަށް ބަދަލުކުރި 41ވަނަ އެއާރލައިނެވެ.

ޓާމިނަލް-1އިން ޓާރކިޝް އެއާރލައިނަށް ޚިދުމަތް ދޭން ފެށީ މިއަދުއެވެ. އެކަން ފާހަގަކުރުމަށް އެ ޓާރމިނަލުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.

25 ނޮވެންބަރު 2012ގައި ރާއްޖެއަށް ދަތުރުތައް ފެށި ޓާރކިޝް އެއާރލައިނަށް ޓާރމިނަލް-1 އިން ޚިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާރލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައިފައެވެ.

ހުރިހާ އެއާރލައިނެއް ބަދަލުކޮށް ނިންމައި، އެކަން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޚަފްލާއެއްގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ ޓާރމިނަލް-1 އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. އެއަށްފަހު، އެ ޓާރމިނަލް ދެން ހުޅުވާލީ އެއަރ ޢަރަބިއްޔާގެ ފްލައިޓްތަކަށެވެ. އެއީ 2025ވަނަ އަހަރުގެ އޯގަސްޓު މަހުގެ 13ވަނަ ދުވަހުއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓާރމިނަލެކެވެ. އެގޮތުން މި ޓަރމިނަލުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާރވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ. 

މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ޙާއްޞަ 24 ޗެކިން ކައުންޓަރ ޤާއިމްކޮށްފައިވާއިރު، 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

އަދި މިއަދު ވަނީ އެ ޓާރމިނަލުން އީ-ގޭޓްގެ ޚިދުމަތް ވެސް ފަށާފައެވެ. އެގޮތުން އަންނަ މީހުންނަށް 5 ގޭޓު އަދި ފުރާ މީހުންނަށް 5 ގޭޓު ބޭނުންކޮށްގެން ޚިދުމަތް ދޭން ފަށާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއެވެ. މި ޚިދުމަތް މިހާރު ހަމައެކަނި ދިވެހީންނަށް ހުޅުވާލާފައިވީނަމަވެސް، އިތުރު ގޭޓުތަކާއެކު 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހުރިހާ ދަތުރުވެރިންނަށް އެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450