ޚަބަރު
ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދަރިންނަށް ޖިންސީ އަނިޔާދިން މީހަކު އުމުރަށް ޖަލަށްލާން ޙުކުމްކޮށްފި
ޖިންސީ ގޯނާއާ ދެކޮޅަށް 2020ގައި މާލޭގައި ކުރިޔަށްދިޔަ މުޒާހަރާއެއް---
ފަރުދުން
01 ޖެނުއަރީ 2026، 07:21
01 ޖެނުއަރީ 2026، 07:21
ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ އަނިޔާދިން މީހަކު އުމުރަށް ޖަލަށްލާން ބުދަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ މިރިހިމާގެ، ރ. ކަނދޮޅުދޫ، އިސްމާއީލް ވަޙިދުއަށެވެ. އޭނާގެ އިތުރުން ހަމަ މި މައްސަލައިގައި ދިލްސާދުއާގެ، ރ. ކަނދޮޅުދޫ ، މުޙައްމަދު އަސީލްއަށް ވެސް ވަނީ 6 އަހަރަށްވުރެ ދިގު ޙުކުމެއް އިއްވާފައެވެ. އެއީ ގޭތެރޭގައި އަންހެން މީހާ އާއި 3 ކުދިން ހިފެހެއްޓުމަށް އެހީތެރިވިކަން ސާބިތުވެގެނެވެ.
2020ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށް މައްސަލަ ބެލުމަށް ކޯޓަށް ހުށަހަޅާފައި ވަނީ 30 ޑިސެންބަރު 2020ގައެވެ.
މި މައްސަލައިގައި ރުގުޔާކުރި އިސްމާއީލް ވަޙީދުގެ މައްޗަށް ކުރި 7 ދަޢުވާ ވެސް ވަނީ ސާބިތުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވީ، ޖުމްލަ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލު ހުކުމެކެވެ.
އިސްމާއީލް ވަޙީދުގެ މައްޗަށް ކުރި ދަޢުވާތަކާއި އެ ކުށްތަކަށް ކަނޑައެޅި ޙުކުމްތައް:
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން - 11 އަހަރަށް ޖަލަށް
- ކުޑަކުއްޖެއްގެ ކުރިމަތީގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުން - 7 އަހަރަށް ޖަލަށް
- ޖިންސީ ގޯނާކުރުން - 3 އަހަރަށް ޖަލަށް
- ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން - 3 އަހަރަށް ޖަލަށް
- ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
- އަނިޔާއެއް ދިނުން - 2 މަހާއި 12 ދުވަހަށް ޖަލަށް
- ގައިގައި އަތްލުން - 1 މަހާއި 6 ދުވަހަށް ޖަލަށް
މިކަމުގައި އިސްމާޢީލް ވަޙީދުއަށް އެހީތެރިވެދިން މުޙައްމަދު އަސީލްއަށް ކުރި 5 ދަޢުވާ ވެސް ވަނީ ސާބިތުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވީ، 6 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.
އަސީލްގެ މައްޗަށް ކުރި ދަޢުވާތަކާއި އެ ކުށްތަކަށް ކަނޑައެޅި ޙުކުމްތައް:
- ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް - 3 އަހަރަށް ޖަލަށް
- މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުން - 2 އަހަރަށް ޖަލަށް
- ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 1 އަހަރާއި 7 މަހާއި 6 ދުވަހަސް ޖަލަށް
- ގައިގައި އަތްލުން - 1 މަހާއި 6 ދުވަހަށް ޖަލަށް
- ގައިގައި އަތްލުން - 1 މަހާއި 6 ދުވަހަށް ޖަލަށް
މި އަނިޔާތަށް ދިން ދުވަސްވަރު އެ ކުދިން ސްކޫލަށް ނުފޮނުވިގެން އޭރު އެޑިއުކޭޝަން މިނިސްޓްރީއިން ވެސް އެކަން ބެލިއެވެ.