ވިޔަފާރި / ޚަބަރު
މިހާތަނަށް އެއް މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ ޑިސެންބަރު މަހު
ރާއްޖެއަށް ޒިޔާރަތްކުރި ދަތުރުވެރިންތަކެއް / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
01 ޖެނުއަރީ 2026، 12:59
01 ޖެނުއަރީ 2026، 12:59
މިހާތަނަށް އެއް މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހަކީ މިދިޔަ ޑިސެންބަރު މަސް ކަމަށް، ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ވަނީ 218،650 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ މަހުގެ ފަހު ދުވަހު ޒިޔާރަތްކުރި އަދަދު ނުހިމެނިނަމަވެސް، މިއީ މިހާތަނަށް އެއް މަހެއްގެތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަސްކަން ފާހަގަކޮށްލެވެއެވެ.
މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހެވެ. އެ މަހު ރާއްޖެއަށް ވަނީ 217,392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
2025ވަނަ އަހަރަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޖަނަވަރީ، ފެބުރުވަރީ، މާރިޗު އަދި ޑިސެންބަރުމަހުއެވެ. އެގޮތުން މި ހަތަރު މަހުގެ ތެރެއިން ކޮންމެ މަހެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
2025ވަނަ އަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވީނަމަވެސް، އެކަން ހާސިލްކުރުމަށް މަދުވާނީ ނިސްބަތުން މަދު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 2 އިންސައްތައެވެ. މިގެ ފުރިހަމަ އަދަދު ޔަޤީންވާނީ އިއްޔެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެނގުމުންނެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ޤައުމުން ވަނީ 2025ވަނަ އަހަރުގެ ޑިސެންބަރު 30ވަނަ ދުވަހުގެ ނިޔަލަށް 329،000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.