ޚަބަރު
ޢުމްރާއަށް ގޮސް އުޅުނު 60 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ޢުމްރާއަށް ދިޔަ ދިވެހިންތަކެއް--
ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް އުޅުނު 60 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ، ރާއްޖެއިން މައްކާއަށް ޢުމްރާވެރިން ގެންދާ ޖަމާޢަތެއްކަމަށްވާ 'އަލް-މަނާސިކް' ޖަމާޢަތުގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ޢުމުރުން 60 އަހަރުގެ ފިރިހެނެކެވެ.
މިކަމާއި ގުޅިގެން އަލް-މަނާސިކް ގްރޫޕުން ބުނީ، އެހެން ދިވެހީންނާއެކު ސަޢުޔު ކުރުމުގެ ތެރޭގައި އުޅެނިކޮށް އޭނާ ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހޮސްޕިޓަލާ ޙަވާލާދީ މަނާސިކް ގްރޫޕުން އިތުރަށް ބުނީ، އޭނާ ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، ރޭ ފަތިސް ނަމާދަށްފަހު މައްކާގައި އޭނާގެ ޖަނާޒާ ބާއްވާފައިވާ ކަމަށް އެ ޖަމާޢަތުން މަޢުލޫމާތުދެއެވެ.
ސްކޫލު ބަންދާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް މިވަގުތު ވެސް މައްކާގެ މާތް ބިމުގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.