ޚަބަރު
ހުޅުމާލޭގައި 'ގްރީން ނާސަރީ' އެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
މަޝްރޫޢު ފެށުން/ފޮޓޯ: ވަޒީރު
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޗައިނާގެ ކުންފުންޏަކުން ގުޅިގެން ހުޅުމާލޭގައި 'ގްރީން ނާސަރީ' އެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުންނެވެ.
ހުޅުމާލޭގައި މިފަދަ ނާސަރީއެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާޙައުލެއް ބިނާކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުންކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްތައް ފެހިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢާ ގުޅިގެން ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ، މި ނާސަރީ ތަރައްޤީވެގެން ދިޔުމާއެކު ހުޅުމާލޭގެ ހިތްގައިމުކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަންވެސް އެ ކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އެޗްޑީސީގެ އިސްވެރިންނާއި، އަދި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.