ޚަބަރު
ކުޅުދުއްފުށި ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 2 މީހަކު ހައްޔަރަށް!
މި މައްސަލަތަކުގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން
ކުޅުދުއްފުށި ސިޓީގައި ހިންގި މަސްތުވާތަކެއްޗާއި ބަނގުރަލާއި ގުޅުންހުރި އޮޕަރޭޝަންތަކެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ނިމިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފަލަސް، ޢަލީ ޔާމީން ޙަސަން (23އ) އާއި ހދ. ކުޅުދުއްފުށި / މަލުތެރޭގެ، އަޙްމަދު މުޙައްމަދު (29އ) އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ މީހުންގެ ތެރެއިން ޢަލީ ޔާމީން ޙަސަން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެގޮތުން، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، އަޙްމަދު މުޙައްމަދު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ހަން، އަދި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޔާމީން ޙަސަން 5 ދުވަހަށް އަދި އަޙްމަދު މުޙައްމަދު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.