ޚަބަރު
ބަނގުރާ އުފައްދާ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 ބިދޭސީއަކު ހައްޔަރުކޮށްފި
ހައްޔަރުކުރި ފަސް ބިދޭސީން/ފޮޓޯ: ފުލުހުން
ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން، ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި އެންމެންނަކީ ވެސް އިންޑިއާ މީހުން ކަމަށާއި، މި އެންމެން ވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.