ވިޔަފާރި / ޚަބަރު
ޙުއްދަނެތި އެއާރޕޯޓުގައި އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާ ކަމެއް: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު / ފޮޓޯ: އެމްއޭސީއެލް
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޙުއްދަނެތި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގައި އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާ ކަމެއްކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ކުރި އިޢުލާނެއްގައި ބުނީ، ވީއައިއޭގައި ފަތުރުވެރިންނަށް ބޭނުންވާ އެންމެހާ ކަންކަން ފޯރުކޮށްދިނުމަށްޓަކައި އެއްވެސް ޙިދުމަތެއް ދެވޭނީ ހަމައެކަނި އެ ކުންފުނިން ޙުއްދަ ދީފައިވާ ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން މިފަދަ ޚިދުމަތެއް ދިނުމަށް އެ ކުންފުންޏާއިއެކު އެއްބަސްވެފައިވާ ފަރާތްތައް ފިޔައި އެހެން ފަރާތަކުން ވިޔަފާރި ކުރުމަކީ އުސޫލުތަކާއި ޚިލާފު ކަމެއްކަމަށް ވިދާޅުވިއެވެ.
މިކަން އިތުރަށް ތަފްސީލުކޮށްދެމުން އެމްއޭސީއެލްއިން ފާހަގަކޮށްފައިވާ ގޮތުގައި، އެއާރޕޯޓުގައި ސިމް ވިއްކުމާއި، ބޭރު ފައިސާ މާރުކުރުން ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޙުއްދަ ދީފައިވާނީ އެފަދަ ކަންކަމަށް ލައިސަންސް ދޫކޮށްފައިވާ، އަދި ރާއްޖޭގެ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ހިންގާ ކުންފުނިތަކަށް ކަމަށާއި، އެހެންކަމުން އެފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނީ ޙުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައެވެ.
އަދި އެ ކުންފުނިން ޙުއްދަ ދީފައިވާ ކުންފުނިތަކަށް ވެސް، ޙުއްދަ ކުރެވިފައިވާ ޚިދުމަތްތައް ދެވޭނީ އެކަމަށް ކަނޑައެޅިފައިވާ ސަރަޙައްދު ނުވަތަ ކައުންޓަރުގައިކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެ ތަންތަނުގެ މުވައްޒަފުން ޚިދުމަތް ދޭއިރު ތިބެން ޖެހޭނީ ކުންފުނި ރަމްޒުކޮށްދޭ ޔުނީފޯމް ނުވަތަ ކުންފުނީގެ ފާސް ފެންނަގޮތަށް ކަމުގައި ވެސް ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ބުނީ، މިފަދަ ކަންކަމަކީ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނިން ނުހަނު އިސްކަންދޭ ކަންކަންކަމަށާއި، ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއެއް ކަމުގައިވާއިރު، އެފަދަ ކަންކަން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ހުއްޓާލުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.