ޚަބަރު
ސަފާރީއެއްގައި ހަތަރު ޤައުމެއްގެ ބަޔަކު ގުޅިގެން ބަނގުރަލުގެ ވިޔަފާރިކުރަނިކޮށް ހައްޔަރުކޮށްފި
ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީން---
ފަރުދުން
02 ޖެނުއަރީ 2026، 05:10
02 ޖެނުއަރީ 2026، 05:10
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހަތަރު ޤައުމެއްގެ ބަޔަކު ގުޅިގެން ކުރަމުންދިޔަ ބަނގުރަލުގެ ވިޔަފާރިއެއް ހުއްޓުވައި އެ ކަމުގައި ހަރަކާތްތެރި މީހުން، ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޔުނިޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ކޯޓު އަމުރެއްގެ ދަށުން، ފުލުހުން މި ސާފާރީއަށް އަރައި ހިންގި ބަލާފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން، 102 ބަނގުރާ ފުޅި އާއި 218 ބަނގުރާ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ 2 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި ބަނގުލަދޭޝް މީހެއްގެ އިތުރުން ދިވެހި ފިރިހެނެކެވެ.
ހައްޔަރުކުރި މީހުންނަކީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 34 އަހަރުގެ އެމްޑީ ޝޭކަރު ހޮސައިނާއި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ރަސެލް މިއާ އާއި ސްރީލަންކާގެ އުމުރުން 27 އަހަރުގެ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ އާއި ސްރީލަންކާގެ އުމުރުން 35 އަހަރުގެ ތަރަކަ ސަމަން ކުމާރަ ދޭވަ އަދި އިންޑިއާގެ އުމުރުން 47 އަހަރުގެ ރާޖާ ރަމަލިންގަމްއެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ދިވެހި މީހަކީ ހ. ބިންމަތީއާގެ / މާލެ، އުމުރުން 52 އަހަރުގެ މުޙައްމަދު މަނިކުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝޭކަރު ހޮސައިނާއި، ރަސެލް މިއާ ފަސް ދުވަހަށް، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ އާއި، ތަރަކާ ސަމަން ކުމާރަ ދޭވަ ހަތް ދުވަހަށް އަދި މުޙައްމަދު މަނިކު ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.