ޚަބަރު
ބާރު ސްޕީޑުގައި ދުއްވުމަށްފަހު، ފިލަން މަސައްކަތްކުރި ޑިންގީއެއް ފުލުހުންގެ ބެލުމުގެ ދަށަށް
ހުޅުމާލޭގައި ހުރި ޑިންގީތަކެއް/ފޮޓޯ: ޕީއެސްއެމް
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ބާރު ސްޕީޑުގައި ދުއްވުމަށްފަހު، ފިލަން މަސައްކަތްކުރި ޑިންގީއެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަހުގެ ރޭ 22:45 އެހައިކަންހާއިރު ހުޅުމާލެ ފަޅުތެރޭގަިއ ބާރު ސްޕީޑުގައި ދުއްވި ޑިންގީއެއް، އެގޮތަށް ޢަމަލުނުކުރުމަށް ނަޞޭޙަތްރެރިވުމުން ވެސް ބާރު ސްޕީޑުގައި ދުއްވާނެކަމަށް ބުނެފައިވާ ކަމަށެވެ. ހަމަ އެހެންމެ، ފުލުހުންނަށް އެއްބާރުލުން ނުދީ ޑިންގީގައި ފިލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، މިކަމާއި ގުޅިގެން އެ ޑިންގީއާއި އޭގައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.