ޚަބަރު
ޚުޠުބާގެ މައުޟޫތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރު ކުރުމަށް: ވަޒީރު ޝަހީމް
ވަޒީރު ޝަހީމް/ފޮޓޯ: ވުޒާރާ
ޚުޠުބާގެ މައުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރު ކުރުމަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ހުކުރު ޚުޠުބާއަކީ ކޮންމެހެން އެއް މައުޟޫޢަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫންކަމަށް ބުނެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ޑރ. ދީދީ ވިދާޅުވީ. ހުކުރު ޚުޠުބާ ދެވޭ ފެންވަރުގެ ޢިލްމާއި ޤާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ޚުޠުބާ ދިނުމުގެ ހުއްދަ ދިނުމާއެކު، އެ މީހަކަށް ފެންނަ، އެއިރެއްގެ ޙާލަތާ ގުޅޭ މައުޟޫޢެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ.
ޚުޠުބާގެ މައުޟޫޢަކީ އަބަދު މަކާރިމުލް އަޚުލާޤާ ގުޅިފައިވާ މައުޟޫޢަކަށް ވާކަށް ނުޖެހޭ. ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ މިޒަމާނުގެ ޚުޠުބާތަކުގައި ކޮންމެހެން ހިމެނެންޖެހޭ ކަމެއް. ޚުލަފާއުއް ރާޝިދޫން ގެ ސީރަތަށް ބެލުމުން އެކަން އެނގޭ. ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުމަކީ ޚަޠީބުންގެ ޒިންމާއެއް.
ޑރ. ދީދީ ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށާއި، ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫންކަމަށެވެ. އެގޮތުން، އަމިއްލައަށް ނުބަލާ ޚުޠުބާ ދިނުމުގެ ޤާބިލްކަން ހުންނަނީ ވަރަށް މަދު ޢިލްމުވެރިއެއްގެ ކަމަށާއި، އެކަމަށް މިހާރުވެސް ހުއްދަ އޮތް ނަމަވެސް، މިފަދައިން ޚުޠުބާ ދެއްވާ ބައެއް ބޭފުޅުންވެސް ޚުޠުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަޙަތަކަށް ގެއްލުންވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ ކަމަށެވެ. އެހެންކަމުން، އެކަމަށް އެމަނިކުފާނު އެއްވެސް ޖާގައެއް ނުދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގައި ޚުޠުބާ ކަންތަކުގައި ޢަމަލު ކުރަމުން ދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށް ކަމަށާއި، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިޔަ ވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ޤައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާޢަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ޚުޠުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ.
ވަޒީރު ވިދާޅުވިއެވެ.
ހަމަ އެއާއެކު، ރާއްޖޭގައި ޒަމާނުއްސުރެ މިކަން ޤާއިމުވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ ޤައުމުތަކުން އަމާޒު ހިފާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ޚުޠުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅު ގޮތަކަށްކަމަށް އެމަނިކުފާނު ޤަބޫލްކުރައްވާ ކަމަށާއި، އެކަން އެގޮތަށް ދަމަހައްޓާނެކަމަށް ވިދާޅުވިއެވެ. އަދި ޚުޠުބާގެ މައުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރު ކުރުމަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.