ޚަބަރު
ސަރުކާރުގެ މަސައްކަތްތަކުގެ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް "ތަރުޖަމާނާ އެކު" ޕޮޑްކާސްޓު ފަށައިފި
ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު-
ސަރުކާރުގެ މަސައްކަތްތަކުގެ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓު ފަށައިފި އެވެ.
މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއީ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި ބެހޭ މަޢުލޫމަތާއި، ބައެއް ފަހަރު ރައްޔިތުންނަށް އޮޅުން އަރާ އަދި ސުވާލު އުފެދޭ ކަންކަމާ ބެހޭ ތެދު މަޢުލޫމާތު އަދި އޭގެ ރަނގަޅު ގޮތް ގެނެސްދިނުމަށް ބާއްވާ ޕޮޑްކާސްޓެއް ކަމަށެވެ.
އެގޮތުން، މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ނިމިދިޔަ އަހަރު ފާހަގަކޮށްލެވުނު މުހިންމު މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ޝަކުވާތަކަށް ޙައްލެއް ގެނައުމަށް މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ. މި ނިންމެވުންތަކާއި ގުޅިގެން، ވިޔަފާރިވެރިންނަށް ލިބިގެންދާނެ ލުއިތަކާއި ގުޅޭގޮތުން މި އެޕިސޯޑުގައި އިޤްތިޞާދީީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ މި ޕޮޑްކާސްޓުގެ އިތުރުން އެ އޮފީހުން ވަނީ މީގެ ކުރިން "ރައްޔިތުންނާ އެކު" ގެ ނަމުގައި ވެސް ޕޮޑްކާސްޓެއް ގެނެސްދެއްވާފައެވެ. އެއީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެށްޓެވި ޕޮޑްކާސްޓެކެވެ.
ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ. އެގޮތުން، މީސް މީޑިއާގެ އެކި މަންސަތަކުގައާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ ބުރަ މަސައްކަތްޕުޅު ކުރައްވަމުންނެވެ.